އުމްރާނީ ތަރައްޤީ ފަދައިން ސަލާމަތާއި ރައްކާތެރިކަން ވެސް މުހިންމު: އަލީ ނަޒީރު
ޢުމްރާނީ ތަރައްޤީ ޕްލޭން ކުރާއިރު ސަލާމަތާއި ރައްކާތެރިކަމާ ގުޅޭ ޚިދުމަތްތައް ފޯރުކޮށްދޭނެގޮތް ކަށަވަރުކުރަން ޖެހޭ ކަމަށް މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވެއްޖެއެވެ.
ސްޓޭޓް މިނިސްޓަރ މިހެން ވިދާޅުވީ ހުޅުމާލެ ފޭސް2 ގެ ޕޮލިސް ސްޓޭޝަން ރަސްމީކޮށް ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުންނެވެ. ފޭސް 2ގެ ޕޮލިސް ސްޓޭޝަން ހުޅުއްވައި ދެއްވައި ވާހަކަ ދައްކަވަމުން ސްޓޭޓް މިނިސްޓަރ އަލީ ނަޒީރު ވިދާޅުވީ އުމްރާނީ ގޮތުން ރާއްޖެ ތަރައްޤީ ކުރަމުންދާއިރު އަދި ޚާއްސަކޮށް ހުޅުމާލެ ފަދަ އާބާދީ މަރުކަޒުތައް ޤާއިމްކުރަމުންދާއިރު އެތަންތަނުގެ އަމަން ބަލަހައްޓާނެ ގޮތުގެ ޕްލޭނާއި ވިސްނުން ހުންނަން ޖެހޭ ކަމަށެވެ.
ނަޛީރު ވިދާޅުވީ ކުށުގެ މާހައުލަށް އަންނަމުންދާ ބަދަލާއި ކުށުގެ މާހައުލަށް މީހުން ވެއްދުމަށް ޓަކައި ރާވައިގެން ތަރުތީބު ކޮށްގެން ކުށް ކުރަމުންދާ މީހުން ކުރަންދާ މަސައްކަތް ދެނެގަތުމުން، އަމަން ބަލަހައްޓާ ފަރާތްތަކުން ކުރަމުން އަންނަ މަސައްކަތް އެއަށް ވުރެ ބޮޑަށް ތަރުތީބު ކޮށްގެން ނޫން ގޮތަކަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކޮށްދިނުމުގެ މައްސަލަތަކަށް ޙައްލު ހޯދެން ނެތްކަން އެނގިގެންދާ ކަމަށެވެ.
"މިކަންކަން ޕްލޭންކުރާއިރު އަޅުގަނޑުމެން ވިސްނަން އެބަޖެހޭ ކިހިނެއްތޯ މިތަންތާގެ އަމަން ބަލަހައްޓާނީ. މިތަންތަނުގެ ސަލާމަތީ ޚިދުމަތްތައް އަޅުގަނޑުމެން ފޯރުކޮށްދޭނީ ކޮންގޮތަކަށްތޯ. އެ ވިސްނުން އަޅުގަނޑުމެންގެ ހުންނަން އެބަޖެހޭ މި ތަނަށް ކަރަންޓު ދޭނީ ކިހިނެއްތޯ، މި ތަނުގެ ނަރުދަމާ އަޅާނީ ކިހިނެއްތޯ ވިސްނާ މިންވަރަށް ވިސްނަންޖެހޭކަން ، އަޅުގަނޑުމެންނަށް މިހާރު އެބައެނގޭ ކުށުގެ މާހައުލަށް މިއަންނަމުންދާ ބަދަލާއި ކުށުގެ މާހައުލަށް މީހުން ވެއްދުމަށް ޓަކައި ކުށް ރާވައިގެން ތަރުތީބު ކޮށްގެން ކުރާމިހުން މިކުރަމުންދާ މަސައްކަތް ދެނެގަތީމަ އަޅުގަނޑުމެންނަށް އެބަ އެނގޭ އަޅުގަނޑުމެން ކުރަމުންދާ މަސައްކަތް އެއަށް ވުރެ ބޮޑަށް ތަރުތީބު ކޮށްގެން ނޫންގޮތަކަށް މިދެންނެވި މައްސަލަތަކަށް ޙައްލު ހޯދެން ނެތްކަން." މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވިއެވެ.
ނަޛީރު ވިދާޅުވީ ހުޅުމާލެ ފޭސް 2ގައި ކުރެވުނު ތަޖުރިބާއިން ދަސްކުރަންޖެހޭ ފިލާވަޅަކީ މިފަދަ އާބާދީ މަރުކަޒުތައް ޕްލޭންކުރާ މަރުހަލާގައި ކަރަންޓާއި ނަރުދަމާ އަޅާނެ ގޮތާ މެދު ވިސްނާ ވިސްނުމަށް ވުރެ ބޮޑަށް މި ތަންތަނުގެ ސަލާމަތީ ޚިދުމަތްތައް ފޯރުކޮށްދޭނެ ގޮތަކާ މެދު ވިސްނުން މުހިންމުކަން ކަމަށެވެ.
ސްޓޭޓް މިނިސްޓަރ އަލީ ނަޛީރު ވިދާޅުވީ ކުށެއް ކުށަކަށް ވުމުގެ ކުރިން ކުށެއް އުފެދިދާނެ ކަންކަން ދެނެގަނެ އެކަން ޙައްލު ކުރަންޖެހޭ ކަމަށާއި ޚިދުމަތް ދިނުމަށް ޓަކައި ކުރާ ހޭދައިގެ ބޮޑު އިންސައްތައެއް ކުށެއް އުފެދުމުގެ ކުރިން ހުއްޓުވުމަށް ކުރާ މަސައްކަތަށް ހޭދަކުރަން އެބަޖެހޭ ކަމަށެވެ.
"އިންސައްތައިން ބޮޑުބައެއް މިހާރު ހޭދަކުރަން ޖެހޭ ކަމަށް އަޅުގަނޑު ދެކެން. ކުށެއް ކުށަކަށް ވުމުގެ ކުރިން އެކަން ފާހަގަކޮށް ކުށެއް ނުއުފެދެނީސް އެކަން ހުއްޓުވުމަށްކުރާ މަސައްކަތަށް. މިދަންނަވަނީ ކްރައިމް ޕްރިވެންޝަންއަށް. ގޭގެއަށް. ފަޅުއޮޑިފަހަރަށް، ހޮޅުއަށިތަކަށް ތިބޭފުޅުން ވަޑައިގެން ކުށެއް އުފެދިދާނެހެން ހީވާ ކަންކަން ދެނެގަނެ ކުށަކަށްވުމުގެ ކުރިން އެކަންކަން ޙައްލު ކުރުމަށް ކުރާ މަސައްކަތް އަޅުގަނޑުމެން އިތުރު ކުރަންޖެހޭ" މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޛީރު ވިދާޅުވިއެވެ.
ނަޛިރު ވިދާޅުވީ ކަންކަން ފަރުމާކުރުމުގެ މަރުހަލާ ފަށައިގަންނަން ޖެހޭނީ ރައްޔިތުން ތަހައްމަލުކުރާ ބިރުވެރިކަން ނައްތައިލެވޭނެ ގޮތަކަށް ކަމަށް ދެކެވަޑައިގަންނަވާ ކަމަށާއި އެހެން ނޫން ނަމަ މިއަދު ނިންމާލާ މަސައްކަތް ވެގެންދާނީ ދެން އަންނަން ތިބި ބަޔަކަށް ބޮޑު ތަކުލީފަކަށް ކަމުގައި ނަޛީރު ވިދާޅުވިއެވެ.
ހުޅުމާލޭގެ 2ވަނަ ފޭސްގައި ޕޮލިސް ސްޓޭޝަން ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވައި މިނިސްޓަރ އޮފް ސްޓޭޓް ފޮރ ހޯމް އެފެއަރޒް އަލީ ނަޒީރު ވިދާޅުވީ ފޭސް 2ގައި ދިރިއުޅޭ ރައްޔިތުންނާއި ޒިޔާރަށް ކުރާ އެންމެހައި ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ޚިދުމަތް ދެވޭނެ އުމްރާނީ ވަސީލަތް އެހައި ލަސްނުވެ ގާއިމް ކުރެވިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ.