ޚަބަރު

ރޮބޯމޭންއާއި ވާންޗޯ އަދި 1438އާއި އިކްއަޓިކް ވައިބްއާ އެކު ކ.ގުރައިދޫގައި ވެސް ފޯރިގަދަ ޢީދެއް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ އަޟްޙާ އީދުގެ އުފާ ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކ.ގުރައިދޫން ވެސް ތައްޔާރުވެއްޖެއެވެ.

Ads by Hajj Corporation

މި އަންނަ ހޮނިހިރު ދުވަހު ބައްދަލުކުރާ އަޟްޙާ ޢީދުގެ ކުޅިވަރުތަކާ ގުޅޭ ގޮތުން ގުރައިދޫ ކައުންސިލްގެ ރައީސް ޙުސައިން ޔާމީން ވިދާޅުވީ ވޭތުވެދިޔަ ދެ އަހަރުގައި ވެސް ކޮވިޑްގެ ސަބަބުން މިފަދަ މުނާސަބަތުތައް ފާހަގަ ކުރުމުގެ ފުރުސަތު ލިބިފައި ނުވުމާ އެކު މި އަހަރުގެ ޢީދު ކުލަގަދަ ގޮތެއްގައި ފާހަގަކުރުމަށް ކައުންސިލުން ނިންމައިފައިވާ ކަމަށާއި އެކަމުގައި ރަށުގެ ކްލަބު،ޖަމްޢިއްޔާތަކާއި ޒުވާނުންގެ އެހީތެރިކަން ލިބެމުންދާ ކަމަށެވެ.

ޔާމީން ވިދާޅުވީ ފަތުރުވެރިކަމުގެ ސިނާއަތެއް އޮތް އެ ރަށުގެ ޢީދު ކުޅިވަރުތަކުގައި ބައިވެރިވުމަށް އެންމެންނަށް ވެސް ދަޢުވަތު އަރުވާ ކަމަށާއި އަދި މިހާރު ވެސް މާލެއިންނާއި އެކި ރަށްރަށުން ޢީދަށް ގުރައިދޫއަށް ދިޔުމަށް ބުކިން ހަދާކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށެވެ.

މި އަހަރުގެ އަޟްޙާ ޢީދުގެ ޢީދު ނަމާދު ގުރައިދޫގައި އޮންނާނީ ބޮޑު ޖަމާޢަތުގައެވެ. އޭގެ ފަހުން ރައްޔިތުން އެކުގައި ބައިވެރިވާނެ ޢީދު ސައި އޮންނާނެ ކަމަށް ގުރައިދޫ ކައުންސިލުން ވިދާޅުވެއެވެ. މީގެ އިތުރުން އެ ދުވަހު ދެން އޮންނާނީ އުޟްހިޔާ ކަތިލުމާއި ތަފާތު ކުޅިވަރުތަކުގެ އިތުރުން 35 އަހަރުން މައްޗާއި 35އަހަރުން ދަށުގެ މީހުން ބައްދަލު ކުރާ ފުޓްބޯޅަ މެޗެކެވެ. އަދި އެ ރޭ މަޝްހޫރު ބޮޑުބެރު ގުރޫޕް 1438އާއި 2 ސެންސްގެ އިތުރުން އައިލެންޑް ބީޓްސް ކުޅޭ މިޔުޒިކް ޝޯއެއް ބާއްވާއިރު ހަމަ އެ ރޭ ހަވާ އެރުވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

މި ފަހަރުގެ ޢީދުގައި ގުރައިދޫގައި ރޮބޯމޭން ވެސް ހަރަކާތްތެރިވާނެ

ޢީދުގެ ދެވަނަ ދުވަހު ފެންކުޅީގެ އިތުރުން ރޮބޯމޭން ބައިވެރިވާ ކުޑަކުދީންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި ރޭގަނޑު ދަފި ނެގުމާއި ބޮޑުމަސް ބޭނުން އޮންނައިރު އެ ރޭގެ ޝޯވގައި ކުޅޭނީ އިކްއަޓިކް ވައިބް ބޭންޑެވެ.

ޢީދުގެ ފަހު ދުވަސް ޚާއްޞަކޮށްލައިފައި ވަނީ ޢީދު ޕެރޭޑަށެވެ. މީގެ އިތުރުން އެ ރޭ ވެސް ޚާއްޞަ ޝޯވ އެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޝޯވގައި ކާއްޓޭއާއި މަޓޭގެ މަޖާ ހުށަހެޅުންތަކުގެ އިތުރުން ހިޔަލަ ގްރޫޕްގެ ހަރަކާތްތައް ވެސް ފެނިގެންދާނެކަމަށް ގުރައިދޫ ކައުންސިލުން ވިދާޅުވެއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!