އިންޑިއާގެ ހިލޭ އެހީގެ ދަށުން ފަރެސްމާތޮޑާގައި ޕާކެއް

އިންޑިއާގެ ހިލޭ އެހީގެ ދަށުން ގއ. ފަރެސްމާތޮޑާގައި ހަދާފައިވާ ހެރަގަހަ ޕާކު ހުޅުވައިފިއެވެ.
މި ޕާކް ހުޅުވައިދެއްވައިފައި ވަނީ، އިންޑިޔާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވައިފައިވާ ސަފީރު މުނު މަހާވަރުއާއި މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްރަކްޗަރ މުޙައްމަދު އަސްލަމެވެ.
މި ރަސްމިއްޔާތަށް ފަހު ވަނީ، އާންމުންގެ ބައިވެރިވުމާ އެކު ފޯރިގަދަ ކުޅިވަރުގެ މުބާރާތްތަކާއި އެހެނިހެން ހަރަކާތްތައް ވެސް ކުރިއަށްގޮސްފައިއެވެ.

އާންމުންނަށް ހުޅުވާލެވިފައިވުމުން އާންމު އެއްވުންތަކާއި އިވެންޓްތައް ބޭއްވުމަށް ރައްޔިތުންނަށް ބޭނުންކުރެވިދާނެ ފަދަ ތަނެއްގެ ގޮތުގައި މި ޕާރކްވެގެންދާނެއެވެ. އަދި ދުޅަހެޔޮކަމާއި އައުޓްޑޯ ހަރަކާތްތަކަށް މަގުފަހިކޮށްދޭނެ ތަނެއްކަމުގައި ވެސް މި ޕާކް ވާނެއެވެ
މިއީ އިންޑިއާއިން ފޯރުކޮށްދީފައިވާ 260 މިލިއަން ރުފިޔާގެ ހިލޭ އެހީގެދަށުން ހިންގުމަށް ހަމަޖެހިފައިވާ 45 މަޝްރޫޢުގެ ތެރޭގައި ހިމެނޭ މަޝްރޫޢުއެކެވެ. އިޖްތިމާއީ އަދި އިޤްތިސާދީ ތަރައްޤީގެ މައްޗަށް ބިނާވެފައިވާ މި މަޝްރޫޢުތަކުގެ ތެރޭގައި ފަތުރުވެރިކަމުގެ ދާއިރާ، ދެމެހެއްޓެނިވި ތަރައްޤީ، ތާޢުލީމީ ދާއިރާ އަދި މަސްވެރިކަމާއި ސިއްޙީ ދާއިރާ، ކުޅިވަރާއި ޒުވާނުންގެ ތަރައްޤީގެ އިތުރުން ދަނޑުވެރިކަމުގެ ދާއިރާ ވެސް ހިމެނެއެވެ. މި މަޝްރޫޢުތަކުގެ ދެބައިކުޅަ އެއްބައި މިހާރުވަނީ ނިމިފައެވެ.
ދިވެހިރާއްޖޭގައި ހުންނަ އިންޑިއާގެ ހައިކޮމިޝަނުްނ ވިދާޅުވީ، ހިލޭ އެހީގެ ގޮތުގައި ހިންގޭ މިފަދަ މަޝްރޫޢުތައް ބިނާ ވެފައިވަނީ އެ މުޖްތަމަޢުއަކަށް އެންމެ ބޭނުން ޖެހިފައިވާ ކަންކަމުގެ މައްޗަށް ބަލައި އުމްރާނީ ތަރައްޤީ ބިނާކުރުމަށް ކަމަށެވެ. އަދި މި މަޝްރޫޢުތައް ހަމަޖައްސަނީ ދިވެހިރާއްޖޭގެ ސަރުކާރުން، ތަރައްޤީގެ އިސްކަންދީފައިވާ ގޮތުގެ މައްޗައް ބަލައިފައި ކަމަށާއި، މި މަޝްރޫޢުތައް ހިންގުމަށް ހަވާލުކުރެވިފައި ވަނީ ލޯކަލް ކައުންސިލްތަކާއި ކަމާ ބެހޭ މިނިސްޓްރީތަކަށް ކަމަށް ވިދާޅުވިއެވެ.
ބުއްދީގެ އަހުލުވެރިން ވިސްނާލަން އެބަޖެހޭ ޤައުމު މިވަނީ ފެއިލްވެފައި !
ގއ.ފަރެސްމާތޮޑާ އެއް އޮވޭތަ؟