އޮލިމްޕަސް ސެޕްޓެމްބަރުގައި ހުޅުވަނީ
އަންނަ ސެޕްޓެމްބަރު މަހު ހުޅުވޭތޯ މަސައްކަތް ކުރަމުންދާ ކަމަށް ނޭޝަނަލް ސެންޓަ ފޯ ދި އާޓްސް (އެންސީއޭ) އިން ހާމަކޮށްފިއެވެ.
އާޓްސް އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭ އިން ނެރުނު ބަޔާނެއްގައި ވިދާޅުވީ، ސިނަމާ ހުޅުވުމުގެ ގޮތުން އެތަނުގެ ބޮޑެތި މަރާމާތުތަކެއް މިހާރު ވެސް ބާރަށް ކުރިއަށްދާ ކަމަށެވެ. އެކަމަކު އެންމެ ބޭނުންވި ސްޕީޑްގައި މަސައްކަތް ނުކުރެވުނީ ރަޝިއާ އިން ޔުކްރޭނާ ދެކޮޅަށް މި އަހަރުގެ ކުރީކޮޅު ފެށި ހަނގުރާމައާ ހެދި ދަތުރުފަތުރުގެ އަގު ބޮޑުވެ މުދަލުގެ އަގު ވެސް ބޮޑުވުމުން ކަމަށެވެ.
އެންސީއޭ އިން ވިދާޅުވީ، މަސައްކަތްތައް މިހާރު ވަރަށް ބާރަށް ކުރިއަށްދާތީ ސެޕްޓެމްބަރު މަހުގެ ތެރޭގައި އޮލިމްޕަސް ހުޅުވުމުގެ އުންމީދު އެބައޮތް ކަމަށެވެ. އެ ސިނަމާ ބަންދުކުރީ ކޮވިޑް-19އާ ހެދި 2020 ގެ މާޗް މަހުގެ ތެރޭގައެވެ.
އޮލިމްޕަސް ބަންދުކުރި އިރު އެ ސިނަމާގައި އެންމެ ފަހުން ދެއްކި ފިލްމަކީ އަލީ ސީޒަން ޑައިރެކްޓްކޮށް، ކުޅުނު "އަނދިރިކަން" އެވެ.
އޮލިމްޕަސް ހުޅުވުން ލަސްވާތީ އެ މައްސަލާގައި ހެރިޓޭޖް އެންޑް އާޓްސް މިނިސްޓަރު ޔުމްނާ މައުމޫނާ ސުވާލުކުރަން ރައްޔިތުންގެ މަޖިލީހަށް ވެސް އޮތީ ހުށަހަޅައިފައެވެ.