ޚަބަރު

ޑިފެންސްގެ އެހީތެރިކަމުގެ މަޤްސަދަކީ ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަ ކުރުން: މުނޫ މަހާވަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖެއަށް އަސްކަރީ ކަންކަމުގައި އިންޑިއާއިން އެހީތެރިވެދެނީ ރާއްޖޭގެ އަމިއްލަ އަސްކަރިއްޔާ ވަރުގަދަ ކުރަން ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފްސީލް ހިއްސާ ކުރެއްވުމަށް މިއަދު އިންޑިއާގެ ނޫސްވެރިންނާއެކު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންޑިއާއިން ރާއްޖެއަށް ވެދެމުންދާ އަސްކަރީ އެހީތެރިކަމާ ގުޅޭ ގޮތުން އެ ޤައުމުގެ ނޫސްވެރިންވަނީ ސުވާލު ކޮށްފައެވެ.

މުނޫ ވިދާޅުވީ، މި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށްޓަކައި އިންޑިއާއިން ގިނަ މަސައްކަތްތަކެއް ކުރާ ކަމަށެވެ. އޭގެ ތެރެއިން އެއް މަސައްކަތްތަކީ އަވައްޓެރި ޤައުމުތަކުގެ އަސްކަރިއްޔާ ވަރުގަދަ ކުރުން ކަމަށް މުނޫ ފާހަގަ ކުރެއްވިއެވެ.

"ރީޖަންގައި ހުރި މައްސަލަތައް އެކަނި ހައްލެއް ނުކުރެވޭނެ. ކައިރީގައި ހުރި ޤައުމުތަކުގެ އެއްބާރުލުން ބޭނުންވާނެ" ހިންދީއިން ނޫސްވެރިންގެ ސުުވާލަށް ޖަވާބު ދެއްވަމުން މުނޫ ވިދާޅުވިއެވެ.

މުނޫ ވިދާޅުވީ، އަސްކަރީ ބޭނުމަށް ރާއްޖޭގައި ޤާއިމް ކުރާ ޕްލެޓްފޯމްތައް ހަދައިދިނުމާއި ސިފައިންނަށް ޓްރެނިން ދިނުމާއި، އިންފްރާސްޓްރަކްޗަރާއި ޓްރެނިން ސެންޓަރުތައް އަޅައިދެނީ ރާއްޖޭގެ ސިފައިންނާއި ފުލުހުންގެ ތަރައްޤީއަށް ކަމަށެވެ.

އިންޑިއާއިން 24 އުޅަނދާއި ނޭވީ ބޯޓެއް ރާއްޖޭގެ އަސްކަރިއްޔާއަށް ހިލޭ އެހީގެ ގޮތުގައި ދޭނެ ކަމަށް މިއަދު އެ ޤައުމުގެ ބޮޑުވަޒީރު ވަނީ ވިދާޅުވެފައެވެ.

އިންޑިއާއެކު ގިނަ އަސްކަރީ އެއްބާރުލުމުގެ މަޝްރޫއުތަކެއްގައި ސަރުކާރުންވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތައް ހާމަކުރަން ސަރުކާރަށް އިދިކޮޅުންދަނީ ޕްރެޝަރު ކުރަމުންނެވެ. އަދި ރާއްޖޭގައި އިންޑިއާގެ މިލިޓަރީ ސިފައިން ތިބިކަމަށްބުނެ "އިންޑިއާ އައުޓް"ގެ ނަމުގައި އިދިކޮޅުންދަނީ ކެންޕެއިނެއް ހިންގަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!