ޚަބަރު

ޝީން އިން ޝިޕް ކުރާ އަދަދު ބޮޑުކޮށް، ހިލޭ ޝިޕްކުރުން ހުއްޓާލައިފި!

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ރާއްޖޭގައި ގިނަ އަދަދެއްގެ ދިވެހިން ބޭރުން މުދާ ގެންނަ އެއް ފަރާތް ކަމަށްވާ "ޝީން" އިން ގެންނަ  މުދާތަކުން އެމީހުން ނަގަމުންދާ ޝިޕިންގ ފީގެ އަދަދު ބޮޑުކޮށް، ހިލޭ ޝިޕްކުރުން ވެސް ހުއްޓާލައިފިއެވެ.

Ads by Hajj Corporation

ގިނަ އަދަދެއްގެ ދިވެހީން ވިޔަފާރި ކުރުމުގެ ގޮތުން، އެޕްލިކޭޝަނެއް މެދުވެރިކޮށް ބޭނުން ކުރަމުންދާ "ޝީން" އިން މީގެ ދެ ދުވަސް ކުރިން ވެސް ޝިޕިންގ ފީގެ ގޮތުގައި ނަގަމުން ދިޔައީ 24 ޑޮލަރެވެ. ނަމަވެސް މިއަދު އެ އަދަދަށް ބަދަލު ގެނެސް، ޝީން އިން މިހާރު ވަނީ މުދަލެއްގެ ޝިޕިންގ ފީއަކީ 30 ޑޮލަރު ކަމަށް ހަމަޖައްސައިފައެވެ. އަދި އެއް މުދަލަށްވުރެ ގިނަ މުދާނަމަ، އިތުރު ކުރާ ކޮންމެ މުދަލަކަށް ފަސް ޑޮލަރު އިތުރު ވާނެ ކަމަށް ވެސް ޝީން އިން ބުނެފައިވެއެވެ.

ވިޔަފާރިކުރުމުގެ ގޮތުން "ޝީން" އިން ރާއްޖެއަށް މުދާ ގެނެސް ވިއްކަމުންދާ ފަރާތެއް "ދެން" އަށް މައުލޫމާތު ދެމުން ބުނީ، ޝީންއަށް މި ބަދަލު ގެނެސްފައިވާކަން ފާހަގަވީ މިއަދު ކަމަށެވެ. އަދި މީގެ ދެ ދުވަސް ކުރިން ވެސް އަދަދަށް ބަދަލެއް ނާންނަކަމުގައި އޭނާ ބުންޏެވެ.

ޝިޕިންގ ފީ ބޮޑުވުމުގެ އިތުރުން، މިހާރު ޝީން އިން ކިތަންމެ ގިނައިން މުދާ ގެންނަން އޯޑަރު ޖެހި ކަމުގައި ވިޔަސް، ޝިޕިންގ ފީ ހިލޭ ނުވާކަމުގައި ވެސް އޭނާ ބުންޏެވެ.

"ކުރިން އިންނަނީ 200 ޑޮލަރަށްވުރެ މަތި ވެއްޖެނަމަ ޝިޕިންގ ފީ ހިލޭ ވާ ގޮތަށް. އެކަމު މިހާރު ފްރީ ޝިޕިންގެއް ނުއިނދޭ." އޭނާ ބުންޏެވެ.

ޝީންއަށް މިފަދަ ބޮޑު ބަދަލެއް ގެނެސްފައިވާ އިރު، މިއީ ކީއްވެ ގެނައި ބަދަލެއް ކަމެއް އަދި ޔަގީން ވެފައެއް ނުވެއެވެ. ނަމަވެސް ބެލެވޭ ގޮތުގައި މިއީ މިދިޔަ ޖުލައި މަހުގެ 30ވަނަ ދުވަހު، ޝީން އިން ރާއްޖެއަށް ގެނައި ގިނަ އަދަދެއްގެ ޕޯސްޓަލްް ތަކެތި ބަރުކޮށްފައި އޮތް ދޯންޏެއް އެއާޕޯޓް ކާގޯ ކައިރިއަށް އަޑިއަށް ދިޔުމުގެ ސަބަބުން ލިބުނު ގެއްލުންތަކުގެ ސަބަބުން ގެނައި ބަދަލެކެވެ.

"ވަރަށް ގިނަ ބަޔަކު ގެނައި މުދާތަކަށް ލޮނުވަދެ، ގެއްލުން ލިބިފަައިވާކަން އެނގިފައިވޭ. ގެއްލުން ލިބުނު މީހުންނަށް އޭގެ ބަދަލު ދޭނެ ކަމަށް ވެސް، ޝީން އިން ގަންނަ ތަކެތި ރާއްޖެއަށް އެތެރެކުރާ ފަރާތްކަމަށްވާ އެރަމެކްސް އިން ބުނި. ނަމަވެސް ބަދަލު ދެނީ ޝީން އިން ކަމެއް އެރަމެކްސް އިން ކަމެއް ނުބުނޭ." މައުލޫމާތު ދިން ފަރާތުން ބުންޏެވެ.

"ދެން" އަށް އެނގިފައިވާ ގޮތުގައި، އެދުވަހު ހިނގި ހާދިސާާ ޝީން އިން އަންނަނީ ތަހުލީލު ކުރަމުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!