ޚަބަރު

ރައީސް ޞާލިޙް އިންޑިއާގެ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓަަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިންޑިއާގެ މުމްބާއީގައި ހުންނަ ޖަވާހިރްލާލް ނެހުރޫ ޕޯޓް ޓްރަސްޓް (ޖޭއެންޕީޓީ)އަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.

Ads by MWSC

މިޒިޔާރަތުގައި، ޖޭއެންޕީޓީގެ ޗެއަރމަން ސަންޖޭ ސެތީ ވަނީ، ރައީސުލްޖުމްހޫރިއްޔާއަށާއި އެމަނިކުފާނުގެ ވަފުދަށް، އެބަނދަރުގެ ތާރީޚާއި އެތަނުގައި ހުރި ވަޞީލަތްތަކާއި ބަނދަރުގެ މަސައްކަތްތައް ކުރިޔަށްދާގޮތުގެ މައުލޫމާތު ދެއްވާފައެވެ. އަދި ބަނދަރުގެ މަސައްކަތްތައް ހިނގާ މުހިއްމު ތަންތަަނަށް ރައީސުލްޖުމްހޫރިއްޔާ އާއި ވަފުދުގެ ބޭފުޅުންނާއި އެކު ސަންޖޭ ސެތީ ވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވި ގޮތުގައި، މާލޭގެ ވިޔަފާރި ބަނދަރަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށްވުމާއި، މާލޭ ވިޔަފާރި ބަނދަރު ބަދަލުކުރުމުގެ މަސައްކަތް ކުރިޔަށް އޮތުމުން،  ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަށް ޒިޔާރަތްކުރެއްވުމުގެ ބޭނުންފުޅަކީ، އެ ބަނދަރުގެ ކަންކަން ހުރިގޮތް ބައްލަވައި މައުލޫމާތު ހޯއްދެވުމެވެ. އަދި ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ ދުނިޔޭގައި އެންމެ ރަނގަޅަށް މެނޭޖްކުރާ އަދި އެންމެ ވަރުގަދަ އެއް ބަނދަރުކަންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ފާހަގަކުރައްވާފައެވެ.

ނާވީ މުމްބާއީގައި ހުންނަ، ޖަވާހިރުލާލް ނެހުރޫ ޕޯޓް ޓްރަސްޓަކީ އިންޑިއާގެ ޕްރިމިއަރ ކޮންޓެއިނަރ ހޭންޑްލިންގ ބަނދަރެކެވެ. އިންޑިއާގެ މައިބަނދަރުތަކަށް ބަލާއިރު، އެބަނދަރުތަކަށް ބާލާ ކޮންޓެއިނަރ ކާގޯގެ %50 ހިއްސާކުރަނީ ޖޭއެންޕީޓީންނެވެ. ދުނިޔޭގެ ކޮންޓެއިނަރ ބަނދަރުތަކުގެ ތެރެއިން އެންމެ ރަނގަޅު 100 ބަނދަރުގެ ތެރޭގައި ހިމެނޭ މިބަނދަރުން، ދުނިޔޭގެ 200 އަށްވުރެ ގިނަ ބަނދަރަށް މުދާ އުފުލައެވެ.

ރައީސުލްޖުމްހޫރިއްޔާ އިންޑިއާއަށް މިހާރު ކުރައްވަމުން ގެންދަވާ ހަތަރު ދުވަހުގެ ރަސްމީ ދަތުރުފުޅަކީ، އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ސަރުކާރުގެ އިސްވެރިންނާއި، ރާއްޖޭގެ ވިޔަފާރިވެރިން ހިމެނޭ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!