Ads by MWSC

އަޖުރެކޭ ތިބާއީ ނުހަނު ހެޔޮ ހިތޭނޭ

ފަޖުރުތަރި ކަމަށް މުޅި ހަޔާތް ހެކިވެދާނޭ

 

ވިދާ ރަންމުތެއްފަދަ މަގޭ ލޯބި ނޫރާ

ނިދާ އޭ މިއީ ހިތުގެ ދަރިފުޅު އަހާނޭ

 

ޙަޤީޤީ މި ލޯބީގެ ފުންކަން ބަލާއިރު،

ޔަޤީނޭ މިހާ ފުން ކަނޑެއްވެސް ނުވާނޭ

 

މިވާ ހިތުގެ ޝަރަފާ، މިވާ ހިތުގެ ޤަދަރާ

މިވާ ލޯބި އަދަދެއް ހިސާބުން ނުވާނޭ

 

ގަލަމުދެލި ފަދައިން ކަނޑުކަނޑާކޯރު ވިޔަކަސް،

މަލަރު ފަދަ މި ފޮނި ލޯބި ސިފައެއް ނުވާނޭ

 

ބުނަންހޭ މަ ދަރިޔާ ؟ އުޅުން ރީތި ނަމައީ،

ގުނަންތައް މަދަސް، ރީތި ނުވެއެއް ނުދާނޭ

 

ރިވެލިވާނެ އެއްޗެއްކަމަށް ނަފުސު ހުރިގޮތް

ރިވެތި އަދަބު އަޚުލާޤު އަބަދުމެ ގުނޭނޭ

 

ދިމާއަށް ނުބައިކަން ތިމާ ނެރެއުޅޭނަމަ،

ތިމާޔާ ފަރަޤު ވާނުހައި ވެސް ނުވާނޭ

 

ރަނގަޅު ހެޔޮ ނަސީބެއް، ޤަދަރު އުފުލި ލިބުނަސް،

އަގަލު ނެތަމަ މީހާ ފަޟީހަތް ވެދާނޭ

 

އަދަބުވެރިކަމުން ނަފުސު ޒީނަތްވި ނަމައީ،

ޤަދަރު އުފުލި މިހާ އުހަށް އުފުލި ދާނޭ

 

އަގެއް ބޮޑުވި އެއްޗެއް މި ބިމުގައި މަ ދަރިޔާ،

މަގެއްގައި ނިކަން ފަހި ލިބޭގޮތް ނުވާނޭ

 

ބުރާހެން އެ މާބުރު މަލެއް ފަރިވެލީމާ

ދުރާލާ ބަޔަކު ރާވަމުން ގާތް ވެދާނޭ

 

ވަޔާ އޮއިވަރާ ބަދަލުވާހެން ތިބާ ހިތް

ހަޔާތާ އެކީ ބަދަލުވުން ހޮޔޮ ނުވާނޭ

 

ވެޔޭ ބުއްދި ޖައުހަރުކަމަށް އެންމެ އަގުބޮޑު

އެޔޭ އެއްޗަކީ އެންމެ ފައިދާ ލިބޭނޭ

 

ހިތަށް ފެންނަ ގޮތަކަށް އުޅެން ހިތުއެޅީމާ

ބިތައް ޖެހި ހަޔާތް ގެއްލި ބަރުބާދު ވާނޭ

 

އަވާ މެންދުރެއް ފަދަ މި ދުނިޔޭގެ ކަންކަން

ހަވާ ނަފުސު ރީއްޗޭ ނިކަން ބުނެ އުޅޭނޭ

 

ގަޔާވެއްޖެނަމަ ބުއްދިހެޔޮ އެއްފަރާތްކޮށް،

ހަޔާތް މުޅި ފުށުންޖެހި ހަލާކުވެ ނިމޭނޭ

 

ހަޔާތުގެ ނަވަށް ނުހޮވިނަމަ ރަނގަޅު މީހަކު

ވަޔާ އޮއިތެރޭ އޮޑި ފަރަށް ވެސް އަރާނޭ

 

ކަމެއްކަން ނުއެނގި ބޮޑު މިއީ ދިރިއުޅުން

ނަމެއްގައި ހަޔާތެއް ފަށަން ހެޔޮ ނުވާނޭ

 

ޖެހޭ ކޮންމެ މީހަކު ވެ ހެޔޮވަރު ތިބާއަށް

މެހޭން އެދި އުޅޭނަމަ ލަދެއްގައި ބެދޭނޭ

 

ބަހުން ފޮނި ޣަޒަލް އެމުނި މަޖުނޫނު މީހާ

ފަހުން ދެރަ ހިތަށް ދީ މުޅިން ދުރު ވެދާނޭ

 

އެދޭނަމަ ހަޔާތެއް ނިކަން ހެޔޮ ޒަވާޖީ

ތެދޭ ދެވަނަ އެދުމެއް އެ މީހަކު ނުވާނޭ

 

ރަނގަޅު އެކުވެރިން ފަދައެ ވަސްމީރު ހުވަނދެއް

މަގަތުގައި އުޅޭނަމަ ވަހުން ހިތް ފުރޭނޭ

 

ހަސީލަތް ރަނގަޅު އެކުވެރިން ގާތުގައި ވުން

ނަސީބޭ އެއީ ދެ ދުނިޔޭން މޮޅު ލިބޭނޭ

 

ނުސީދާ ނުބައި އަދި ރަނގަޅު އެކުވެރިން ވެސް،

މުސީބާތް ޖެހޭ ދުވަހު ރަނގަޅަށް އެނގޭނޭ

 

އުޅެން ނޭނގި ހަސަދައިން ހިތާހަށި ފުރީމާ

ހުޅެއް ނުފެނި މީހާ އަނދައި ހުލިވެދާނޭ

 

ތިބާޔަށް ތުރައު ދެއްކި ނުސިޔާނު މީހުން

ޢިބާރާތަކަށް ދުނިޔެ މި އުޅޭ ދެކޭނޭ

 

ބަހުންނާއި ޢަމަލުން، އަހުވަދެއްކި މީހާ

ފަހުން އޭގެ ހިތިކަން ތަޙައްމަލު ކުރާނޭ

 

ބަދަލަކަށް ތިމާ ހެޔޮ ބަދަލު ދީ އުޅެންޏާ

އަދަބު ދޭން ޖެހޭވަރު މި ބިމުގައި ނުވާނޭ

 

ޤަބުރަކަށް ވެދާންދެން މި ދުނިޔޭގެ ބިމުގައި،

ސަބުރުވެރިވިނަމަ، އޭގެ މަންފާ ކުރާނޭ

 

ދޮގުން ބަސް ބުނަން އާދަވީނަމަ މަ ދަރިޔާ

ރޮނގުން ހެޔޮ މުޅިން ނެއްޓި ކަޝިޔާރު ވާނޭ

 

ބަހެއް ވިސްނުމެއްތި، ތިބާ ބޭރު ކުރިނަމަ،

ލަހެއް ނުވެ ތިބާ އޭގެ އަޅަކަށް ވެދާނޭ

 

ބަޤީޗާ ތަކުން ފަސް ދަމަށް މާ ފޮޅޭއިރު،

ހަޤީޤީ އުފާ ހޯދިނަމަ ހިތް ފުރޭނޭ

 

ދުރާލާ ތިބާ މަރުވެދާނޭ ޚަބަރު

މުރާސިލަކު އައިސް މާ ކުރިން ބަލަ ނުދޭނޭ

 

ހިސާބެއް ނުވާހާ މުދާ ލިބުނު ނަމަވެސް،

އެސާހިތު އެ ދޫކޮށް ފުރަން ހަމަ ޖެހޭނޭ

 

ހަވާނަފުސު ލަވަމުން ތިބާ ނަރަކަޔަށް ލާން،

ޖަވާހިރުކަމަށް ދުނިޔެ ދައްކާ ހަދާނޭ

 

ވަފާތެރިވެ ދީނަށް ލަނބާ ބޯ މި ދަރިފުޅު

ލަފާދާރު ވީ ނަމަ ސަލާމަތް ވެދާނޭ

 

އަވާމެންދުރެއް ފަދަ މި ދުނިޔޭގެ އުފަލަށް،

ހަވާނަފުސު އެދުނަސް، އެދެން ހެޔޮ ނުވާނޭ

 

އުޅޭށޭ މުސާފިރަކުހެން މި ދުނިޔޭގައި،

ކުޅޭ ކުޅިވަރެކެމީ ހިތައިގެން ނުވާނޭ

 

 

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!