ޚަބަރު

ވޯޓެއް ނަގަންޖެހޭ މަގުބޫލު ސަބަބެއް ނެތް, ހަމައެކަނި އޮތީ ވެރިކަމުގެ ދަހިވެތިކަން: ޝަރީފް

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މަރަދޫ ދާއިރާގެ މެންބަރު ޝަރީފް އަދި ރައީސް ނަޝީދު. ނަޝީދުގެ ފޮޓޯ: އަވަސް

ދައުލަތުގެ ބަޖެޓުން 100 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭ މަގުބޫލު ސަބަބެއް ނެތް ކަމަށާއި ހަމައެކަނި އޮތީ ވެރިކަމުގެ ދަހިވެތިކަންކަމަށް އައްޑޫ މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް (މަވޯޓާ ޝަރީފް) ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމާ ގުޅޭ ގޮތުން އަންނަ ހުކުރު ދުވަހު އޮންނަ އެމްޑީޕީގެ ކޮންގްރެސްއަށް އެ ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ޤަރާރެއް ހުށަހަޅުއްވާފައިވަނިކޮށް, ޝަރީފް ވިދާޅުވީ ބަޔަކަށް ކަމުނުދިޔަސް ރައްޔިތުން ނިންމާފައިވަނީ ރާއްޖޭގައި ރިޔާސީ ނިޒާމެއް އޮންނަން ކަމަށެވެ. އަދި އިހަކަށްދުވަހު ރައްޔިތުން ބަލައިގަތް ރިޔާސީ ނިޒާމު ބަދަލުކުރަން 100 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

''ހަމައެކަނ އޮތީ ވެރިކަމުގެ ދަހިވެތިކަން.''

ޝަރީފް ވިދާޅުވީ ބަރުލަމާނީ ނިޒާމަކީ ރައްޔިތުންގެ ބާރު ކަނޑުވާލައި ނުފޫޒުގަދަ މީހުން ބޭނުބ ގޮތެއް ޤައުމަށް ހަދައިލެވޭމެ ފުރުސަތު ބޮޑު ނިޒާމެއް ކަމަށެވެ. އަދި ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީއެއް ނުކުރެވޭނެކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ބަރުލަމާނީ ނިޒާމެއްގައި ސަރުކާރު ޖަވާބުދާރީ ކުރެވޭނެކަމަށް ބަޔަކު ދައްކާ ވާހަކައަކީ ޙަޤީޤަތެއް ނޫން ކަމަށެވެ. އަދި ހުރިހާ މެންބަރުން ވަޒީރުންނަށް ވީމާ ޖަވާބުދާރީވުމުގެ މަސައްކަތް ކުރަނީ ކޮން ބައެއްތޯ ވެސް ޝަރީފް ސުވާލު އުފެއްދެވިއެވެ.

ރާއްޖޭގެ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ފެންނަ ނުފެންނަ ވޯޓެއް ނަގަން 100 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް އީސީން ވަނީ ބުނެފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!