ޚަބަރު

ޕޮލިސް އެކަޑަމީގެ ފުރަތަމަ ކޯހުން 48 ފަރާތެއް ދަސްވެނިވެއްޖެ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގައި ހިންގި ފުރަތަމަ އިންހައުސް ޓްރެއިނިންގ “އިންސްޕެކްޓަރ ކޯސް” ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

Ads by STELCO

ކޯސް ނިންމުމަށް ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އޮޑިޓޯރިއަމްގައި ރޭ ބޭއްވި ހާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދުއެވެ.

އެ ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް އަލީ ރަޝީދު، ހެޑް އޮފް ޕީޕަލްސް ޑައިރެކްޓްރޭޓް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އިސްމާއީލް ނަވީން، ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓްގެ އެގްޒެކެޓިވް ޑައިރެކްޓަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން، ސައުތު ޕޮލިސް ރީޖަން ކޮމާންޑަރ ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަހުމަދު ޝަމީމް އަދި ފުލުހުންގެ އިސް އޮފިސަރުންނާއި ދައުވަތު އެރުވިގެން ވަޑައިގެންނެވި އެހެނިހެން ބޭފުޅުންގެ އިތުރުން އެންސިޕޯލްގެ މުވައްޒަފުންނާއި ކޯހުގެ ބައިވެރިން ބައިވެރިވެލެއްވިއެވެ.

ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ކޮމިޝަނަރ އޮފް ޕޮލިސް ދެއްކެވި ވާހަކަފުޅުގައި، އިންސްޕެކްޓަރ ކޯހުގެ ބައިވެރިންނަކީ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް އައްޑޫ ސިޓީގައި ގާއިމުކުރިފަހުން ކޮލެޖުން ދަސްވެނިވާ ފުރަތަމަ ބައިވެރިންކަން ފާހަގަކުރައްވައި އެ އޮފިސަރުންނަށް މަރުހަބާ ދެންނެވިއެވެ. އަދި މި ކޯހަކީ ކޮމިޝަންޑު އޮފިސަރުންގެ ރޭންކަށް ބަދަލުކުރެވޭ އޮފިސަރުންނަށް ހިންގިފައިވާ މިފަދަ އެހެން ކޯސްތަކާ ބަލާއިރު ކޯހުގެ ބައިވެރިން އެންމެ ގިނަ އަދަދަކަށް ހިމެނިގެންދިޔަ ކޯސްކަން ފާހަގަކުރެއްވިއެވެ. އަދި މީގެ ކުރިން ޖޫނިއަރ އޮފިސާސް ކޮމާންޑު ކޯހުގެ ނަމުގައި ދެ ބެޗެއް ދ. ވާނީ ޕޮލިސް ޓްރެއިނިންގ ސްކޫލްގައި ހިންގާފައިވާކަން ފާހަގަކުރެއްވިއެވެ. އެހެންކަމުން މި ކޯހުގެ ސިލަބަހާއި ކޯހުގެ ނަން އިންސްޕެކްޓަރ ކޯހުގެ ނަމަށް ބަދަލުކޮށް ހިންގޭ ފުރަތަމަ ފަހަރުކަމަށް ވިދާޅުވިއެވެ.

އޭގެ އިތުރުން، އައްޑޫ ސިޓީގައި ގާއިމުކޮށްފައިވާ ނޭޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓަށް މިއަދަކީ ތާރީހީ ދުވަހެއްކަމަށް ވިދާޅުވިއެވެ. އަދި ފުލުހުންގެ ކެރިއަރގައި މުހިންމު ހަރުފަތެއް ގިރާކުރުމަށް ފަރުމާކުރެވިފައިވާ އިންސްޕެކްޓަރ ކޯހަކީ ވަރަށް މުހިންމު މަގުސަދުތަކެއްގެ މައްޗަށް ހިންގަމުންދާ ކޯހެއްކަން ފާހަގަކުރެއްވިއެވެ. އަދި އެހީ ފުލުހުންގެ ފަންގްޝަންތައް މެނޭޖްކުރުމާ ހަވާލުވުމަށް ކޮމިޝަންޑު ރޭންކަށް ޕްރޮމޯޓްވުމަށް ބޭނުންވާ ތަޖުރިބާ ހާސިލުކުރުމަށް ފަރުމާކުރެވިފައިވާ ވަރަށް މުހިންމު ކޯހެއްކަމަށް ވިދާޅުވިއެވެ.

އަދި އިންސްޕެކްޓަރ ކޯސް ހިންގުމުގައި އެކި ދައުރު އަދާކޮށްފައިވާ ހުރިހާ މުވައްޒަފުންނާއި ފުލުހުންގެ ޚިދުމަތުގެ ބަހާތަކާ އަދި އެހެނިހެން ފަރާތްތަކަށް ޝުކުރުއަދާކުރެއްވިއެވެ. އަދި އިންސްޕެކްޓަރ ކޯހުގެ މުހިންމުކަމުން މި ކޯސް އިތުރަށް ތަރައްގީކުރުމަކީ ވަރަށް އިސްކަމެއްދީގެން ކުރިއަށް ގެންދާނެކަމެއް ކަމުގައި ފާހަގަކުރެއްވިއެވެ.

ހަތް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިޔަ އެ ކޯހުގައި ޖިނާއީ އަދުލުގެ ނިޒާމުގައި ހުރި މުހިންމު ގާނޫނުތަކާއި ފުލުހުންގެ ގާނޫނު އަދި ލީޑަރޝިޕް އެންޑް މެނޭޖްމަންޓް، ޕޮލިސިންގ އެންޑް އިންވެސްޓިގޭޝަން، ސެކިއުރިޓި އެންޑް އެޕަރޭޝަންސް ފަދަ މުހިންމު މޮޑިއުލްތައް ކިޔަވައިދީފައިވެއެވެ. އެ ކޯހަށް ބައިވެރިން ހޮވާފައިވަނީ ކޯހުގައި ބައިވެރިވުމަށް ހަދަންޖެހޭ އިމްތިހާނެއް ހެދުމަށް ފަހުއެވެ.

އައްޑޫ ސިޓީގައި ކުރިއަށް ގެންދިޔަ އިންސްޕެކްޓަރ ކޯސް ފުރިހަމަކޮށް، ރޭގެ ރަސްމިއްޔާތުގައި 48 އޮފިސަރުން ދަސްވެނިވެފައިވެއެވެ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!