ތުނބުޅި ލާފައި, ފައިކުރި ކުރުކޮށް ހުއްޓަސް އެއީ ހަރުކަށި ފިކުރެކޭ ނުބުނެވޭނެ: ސެމްބެ
ތުނބުޅިއެއް ލާފައި, ކަކުލާ ހަމައަށް މީހަކު އެއްޗެއް ލާފައި ހުރީމާ އެއީ އިސްލާމްދީނުގެ ބޮޑު ޢިލްމުވެރިއެކޭ ބުނެ ފުރައްސާރަކޮށް, ހަރުކަށި ފިކުރޭ ކިޔާ ގުޅުވައިލެވޭނެ ޖާގައެއް ނޯންނާނެކަމަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ޙުސައިން މުޙައްމަދު ލަޠީފް (ސެމްބެ) މިއަދު ވިދާޅުވެއްޖެއެވެ.
ހަރުކަށި ފިކުރާ ދެކޮޅަށް ފައުޖެއް އުފައްދަން ގޮވާލައްވައި އުނގޫފާރު ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު (ވައްޑެ) ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހެޅުއްވި މައްސަލައަށް ބަހުސްކުރައްވަމުން ސެމްބެ ވިދާޅުވީ ތުނބުޅިއެއް ލާފައި ކަކުލާ ހަމައަށް މީހަކު އެއްޗެއް ލާފައި ހުރީމާ އެއީ އިސްލާމްދީނުގެ ބޮޑު ޢިލްމުވެރިއެކޭ ބުނެ ހަރުކަށި ފިކުރޭ ކިޔާ ގުޅުވާލެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ. ފަހަރެއްގައި އެހެން ހުންނަ ބައެއް މީހުންނަކީ އެ ފިކުރު މީހަކަށްވެދާނެ ކަމަށާއި, ނަމަވެސް ގޯހީ މާނަކުރާ ގޮތް ކަމަށެވެ.
''މާނަކުރާ ކުރުން އޮޅުވައިނުލާށޭ މި ދަންނަވަނީ.''
ސެމްބެ ވިދާޅުވީ ޤައުމު ހަލާކު ކޮށް, ޤައުމު އަޅުވެތިކުރަން ޖާގަ ހޯދަނީ ވެސް އެމްޑީޕީން ކަމަށެވެ. އަދި ޤައުމުގެ ހުރިހާ ކަމެއް އޮޅުވާލައިގެން ނުބައި މިސްރާބަކަށް ގެންދަން އެމްޑީޕީން މަސައްކަތް ކުރާކުރުން ހުއްޓައިލަން އެބަޖެހޭ ކަމަށާއި, އެ ހުރިހާކަމެއްގެ ޒިންމާ ނަގަންޖެހޭނީ އެމްޑީޕީއާއި އެ ޕާޓީއާ ގުޅިފައި ތިބި ފަރާތްތަކުންކަމަށް ސެމްބެ ވިދާޅުވިއެވެ.
އެ ގޮތުން އިމްރާން ހޯމް މިނިސްޓަރުކަމުން ވަކިކޮށް ޖަލަންލާންޖެހޭ ކަމަށާއި, އެއީ މި ޤައުމު ފަސާދަ ކުރުމަށް ޖާގަ ހޯދަމުން އައި އެއް ބޭފުޅާކަމަށް ސެމްބެ ވިދާޅުވިއެވެ.