ކޮވިޑް ކޮންޓްރޯލްކުރަން ކުރާ މަސައްކަތްތައް މަޖިލީހުން ބަލަނީ
ކޮމެޓީގެ ނިންމުމުގައި ކޮވިޑާ ގުޅިގެން އާންމު ސިއްހަތުގެ ކަންކަން މީގެ ކުރިން ކުރިއަށްގެންދިޔަ ގޮތާއި ކުރިއަށް އޮތް ދުވަސްތަކަށް ކަންކަން ރާވާފައިވާ ގޮތް ބެލުމަށް ވެސް ވަނީ ހިމަނާފަ އެވެ.
މި މައްސަލައިގައި ހޯދަންޖެހޭ ލިޔެކިޔުންތައް ހޯދުމުގެ މަސައްކަތް ކޮމެޓީގެ އިދާރީ މޭޒުން މިހާރު ވަނީ ފަށާފަ އެވެ.
ރައްޔިތުންގެ މަޖިލީހުން ބުނީ ކޮވިޑް-19އާ ގުޅިގެން، މިނިސްޓްރީ އޮފް ހެލްތްއިން އާންމު ސިއްހަތުގެ ކަންތައްތައް ހިންގަމުން ގެންގޮސްފައިވާ ގޮތާއި، މިހާރު ކަންކަން ކުރިއަށް ގެންދާ ގޮތާއި، ކުރިއަށް އޮތް ދުވަސްތަކުގައި ކަންކަން ކުރިއަށް ގެންދިއުމަށް ރާވާފައިވާ ގޮތް ދެނެގަނެ އެކަންކަން ދިރާސާކުރުމަށް ރައްޔިތުންގެ މަޖިލީހުގެ އިޖްތިމާއީ ކޮމެޓީން ނިންމާފައިވާ ކަމަށެވެ.
އޭގެ އިތުރުން އެ މައްސަލަ ދިރާސާކުރެއްވުމުގެ ގޮތުން ބައެއް ޑޮކްޓަރުންނާއި، ހެލްތް ޕްރޮޓެކްޝަން އޮތޯރިޓީގެ ބޭފުޅުންނާއި ހެލްތް އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ބޭފުޅުންނާއި، ވޭތުވެދިޔަ 50 އަހަރު ދުވަހު، ރާއްޖޭގައި ޕަބްލިކް ހެލްތް ޑިރެކްޓާ ޖެނެރަލްގެ މަގާމުގައި ތިބި ފަރާތްތަކާއި، ހެލްތު މިނިސްޓަރުގެ މަގާމު ފުރުއްވި ބޭފުޅުންނާއި، ކަމާއި ގުޅުންހުރި ޖަމްއިއްޔާތަކާއި ހެލްތް ސެންޓަރުތަކާއި ރީޖަނަލް ހޮސްޕިޓަލް އަދި އެ ނޫންވެސް ކަމާގުޅުންހުރި ފަރާތްތަކާ ބައްދަލުކުރުމަށް ފާސްކޮށްފައިވެއެވެ.