ޚަބަރު

އަލުން މަސްތުވާތަކެތި ބޭނުން ކުރަން ފަށަނީ އެކަށީގެންވާ ވަރަށް ފަރުވާ ނުލިބޭތީ: ސީޕީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަސްތުވާތަކެތިން ދުުރުވުމަށް ރިހެބްލިޓޭޓް ކުރެވޭ ފަރާތްތައް އަނެއްކާ ވެސް އެކަމުގެ ޝިކާރައަކަށް ވެގެންދަނީ އެކަށީގެންވާ ވަރަށް ފަރުވާ ނުލިބޭތީ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް (ސީޕީ) މުޙައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ސީޕީ މިހެން ވިދާޅުވީ، ލ.ގަމުގައި މިހާރު ކުރިޔަށްދާ ވިއަވަތި ކޮންފަރެންސްގެ ތެރެއިން "ދެން"އަށް ދެއްވި އިންޓަރވިއުއެއްގައެވެ.

ވިއަވަތި ކޮންފަރެންސްގައި ސީޕީ ވަނީ ރާއްޖެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ މަސްތުވާތަކެތީގެ މައްސަލަކަން ފާހަގަ ކުރައްވާފައެވެ. އަދި މަސްތުވާތަކެތީގެ ވަބާއިން މުޖުތަމައު ސަލާމަތް ކުރުމަށް 10 ރަށެއްގައި ޚާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ރަށްތަކުގެ ނަންތައް ހާމަ ނުކުރައްވާ ސީޕީ ވިދާޅުވީ، މީގެ ތެރެއިން ބައެއް ރަށްރަށަކީ މަސްތުވާތަކެތީގެ ވަބާ ވަރަށް ބޮޑަށް ފެތުރިފައިވާ ރަށްތައް ކަމަށާއި އެ ރަށްރަށުގައި ކުރިއަށް ދަނީ އެ މައްސަލަ ކޮންޓްރޯލްކުރުމުގެ މަސައްކަތް ކަމަށެވެ. އަދި އަނެއްބައި ރަށްރަށުގައި މަސްތުވާތަކެތި ފެތުރުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަމުންދާކަން ފާހަގަ ކުރެއްވިއެވެ.

މާރާމާރީއާއި ވައްކަމުގެ މައްސަލަތައް ވެސް ގިނަ ފަހަރަށް ގޮސް ނިމިފައި ހުންނަނީ މަސްތުވާތަކެއްޗާ ކަމަށް ސީޕީ ވަނީ ފާހަގަ ކުރައްވާފައެވެ.

ތަފާސް ހިސާބަށް ބަލާލާއިރު ޖަލުގެ 70 ޕަސެންޓް މީހުންނަކީ މަސްތުވާތަކެތީގެ ކުށްތަކުގައި ހިމެނޭ މީހުންނެވެ. އެއީ 800 އެއްހާ މީހުންނެވެ. ޖަލުތަކުގައި މިމަހުގެ ތެރޭގައި ވަނީ ފުރަތަމަ ފަހަރަށް ރިހެބްލިޓޭޝަން ޕްރޮގްރާމެއް ހިންގާފައެވެ. މި ޕްރޮގްރާމު 32 ފަރާތެއް ބައިވެރިވެފައިވާއިރު، އެ ފަރާތްތައް ވަނީ އަލުން އަނބުރާ މުޖުތަމައަށް ދޫކޮށްލާފައެވެ.

ރިހެބްލިޓޭޝަން ޕްރޮގްރާމްތައް ފުރިހަމަ ކުރާ ފަރާތްތައް އަލުން އަނބުރާ މުޖުތަމައަށް ދޫކޮށްލުމުން، އަނބުރާ ކުށުގެ ވެއްޓަން ދަނީ ކީއްވެތޯ "ދެން" އިން ސުވާލު ކުރުމުން ސީޕީ ވިދާޅުވީ، ސްތުުވާ ތަކެއްޗަށް ދެވި ހިފާފައިވާ ފަރާތްތަކަށް އެކަށީގެންވާ ވަރަށް ފަރުވާއެއް ނުދެވޭ ކަމަށެވެ.

"ވަރަށް މަދު މިންވަރެއްގެ މީހުން ފަރުވާގެ ނިޒާމުގެ ތެރޭގައި މިތިބެނީ. ފަރުވާގެ ނިޒާމުގެ ތެރޭގައި ތިބީ ވަރަށް މަދު ފަރާތްތަކެއް ކަމަށްވާއިރު މުޖުތަމައު ތެރޭގައި ވަރަށް ބޮޑަށް ފެތުރިފައި މިތިބީ މަސްތުވާތަކެތި ބޭނުން ކުރާ ފަރާތްތައް" ސީޕީގެ ވާހަކަ ތަފްސީލްކޮށްދެއްވަމުން ވިދާޅުވިއެވެ.

ސީޕީ ވިދާޅުވީ މަސްތުވާތެކެތިން ދުރުވުމަށް ރިހެބްވާ ފަރާތްތަކަށް އެކަށީގެންވާ އެހީތެރިކަން ފޯރުކޮށްދެވެނޭވީ އިދާރާތަކުން ހައްދަވަން ޖެހޭ އިންޓަރވެންޝަންތަކެއް ހެދިގެން ކަމަށެވެ. އަދި ޑިޓޮކްސިފިކޭޝަން އަދި ރިހެބްލިޓޭޝަން ބާރުވެރިވެ، ހިންގުން ހަރުދަނާ ކުރަން ޖެހޭ ކަމަށާއި، ޑްރަގް އެޖެންސީފަދަ ސެންޓްރަލައިޒް އިދާރާތަކުގެ ހިންގުން ތަރުތީބު ވެގެން މެނުވީ މައްސަލަ ހައްލު ނުވާނެ ކަމަށެވެ.

ފުލުހުން ދަނީފަސް އަހަރުގެ އެކްޝަން ޕްލޭންގެ ދަށުން ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި 'ޑްރަގް ފްރީ އައިލެންޑް' ތަކެއް ގާއިމްކުރުމުގެ މަސައްކަތްކުރަމުންނެވެ. ވިއަވަތި މަހާސިންތާގައި މިކަމާ ގުޅޭ ބައެއް ތަފްސީލްތައް ވަނީ ހިއްސާކޮށްފައެވެ. އަދި ރާވައިގެން ހިންގާ ގެންގު ކުށްތަކާއި ހަރުކަށި ފިކުރާއި ގުޅޭގޮތުން ވެސް މަޝްވަރާ ކުރިއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!