ޚަބަރު ރައްޔިތުންގެ މަޖިލިސް

''ޤާނޫނީ ފަންނުގެ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ފަނޑިޔާރުގެއަށް ބިރުދެއްކުމުގެ އަމަލެއް''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
މައުމޫން ޙަމީދު. ފޮޓޯ: ސަން

ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ޢަމަލެއް ކޮށްގެން, ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން
ނިންމައިފިނަމަ, އެ ފަނޑިޔާރަކަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރުމަށް ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅުއްވާފައިވާ އިސްލާހަކީ އެއްގޮތަކަށް ވެސް ގެނައުން ހެޔޮވާނެ އިސްލާހެއް ނޫންކަމަށް, ބާ ކައުންސިލުގެ ކުރީގެ ރައީސް މައުމޫން ޙަމީދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ސަރުކާރުގެ ފަރާތުން ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ޙަސަން ހުށަހެޅުއްވި ބިލާ ގުޅޭގޮތުން މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީން އިއްޔެ ވަނީ ޕްރިމިއަރ ޗެމްބަރސް (އެލްއެލްޕީ) އާއި, ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއާ ބައްދަލުކޮށް މަޝްވަރާކޮށްފައެވެ.

ޕްރިމިއަރ ޗެމްބަރސްގެ ފަރާތުން ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވަނީ ބިލު އޮތް ގޮތުން ތަސައްވުރު ކުރެވެނީ ފަނޑިޔާރުގެއަށް ބިރުދެއްކުމުގެ އަމަލެއް ގޮތަށް ކަމަށެވެ. އެހެންކަމުން އެ ގޮތަށް ފެންނަން އޮންނަ ހިނދަކު, މި އިސްލާހު މި ގޮތަށް ގެނައުމަކީ އަދި މި އިސްލާހު އެއްވެސް ސިފައެއްގައި އެއްވެސް ޤާނޫނަކަށް ގެނައުމަކީ ރަނގަޅު ގޮތެއް ނޫން ކަމަށެވެ.

''އިންސާފުވެރި ގޮތަކަށްނުވާނެ. ހަމައެކަނި ނަތީޖާއަކަށްވާނީ ފަނޑިޔާރުގެއަށް ހިޔަނި އެޅުން. ފަނޑިޔާރުގެއަށް ބިރުދެއްކުންކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.'' މަޝްހޫރު ޤާނޫނީ ވަކީލު މައުމޫން ވިދާޅުވިއެވެ.

ކޮމިޓީން އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުން. ފޮޓޯ: މަޖިލިސް

މައުމޫން ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ޤާނޫނުއަސާސީން ލިބިދޭ ޙައްޤުތަކެއް އެބަ ގެއްލޭ ކަމަށެވެ. އޭގެތެރެއިން އެއް ޙައްޤަކީ ޤާނޫނުއަސާސީގެ 37 ވަނަ މާއްދާއިން ލިބިދޭ މަސައްކަތް ކުރުމުގެ ނުވަތަ ވަޒީފާއަދާކުރުމުގެ ޙައްޤުކަން އޭނާ ފާހަގަކުރެއްވިއެވެ.

''ޤާނޫނީ ވަކީލުކަމަކީ އެއް ދުވަހެއްގެ ދެ ދުވަހެއްގެ ވާކްޝޮޕަކުން ލިބޭ ސަނަދެއް ނުވަތަ ފާހަކުން ކުރެވޭ މަަސައްކަތެއް ނޫން. މިހާރު ޤާނޫނީ ވަކީލެއްގެ ގޮތުގަ މަސައްކަތްކުރުމަށް މި އިސްލާހުގެ ސަބަބުން ހުރަސްއެޅިގެން ދިއުމާ އެއްކޮށް ވާނެ ގޮތަކީ އެތައް އަހަރެއްގެ މަސައްކަތެއް އެ ދިޔައީ. ދެން އޮތް ކަންކަމަށް ވެސް ހުރަސް އެޅިގެން މިދަނީ.''

މައުމޫން ވިދާޅުވީ އެ އިސްލާހުގެ ސަބަބުން ދިވެހިރާއްޖޭގެ ބާކައުންސިލުގެ މިނިވަންކަން ވެސް ގެއްލިގެންދާނެ ކަމަށެވެ.
އަދި ޤާނޫނީ ފަންނުގެ މިނިވަންކަމާއި މުސްތަގިއްލުކަން ވެސް ގެއްލިގެންދާނެ ކަމަށެވެ. އަދި މި އިސްލާހު މިހާރު ޢިބާރާތްކޮށްފައި އޮތް ގޮތުން ތައްގަނޑެއް ޖަހައިލުން ފިޔަވައި ބާ ކައުންސިލަކަށް އެއްވެސް އިޚްތިޔާރެއް ނެތް ކަމަށެވެ.

ކޮމިޓީން އިއްޔެ ކުރިއަށް ގެންދިޔަ ބައްދަލުވުން. ފޮޓޯ: މަޖިލިސް

އިކްރާމް ހުށަހެޅުއްވި ބިލުގެ މައިގަނޑު ނުކުތާތައް:

ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ޢަމަލެއް ކޮށްގެން ފަނޑިޔާރަކު މަޤާމުން ވަކިކުރުމަށް ޖުޑީޝަލް ސަރވިސް
ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން، އެ ފަނޑިޔާރު މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހުން
ނިންމައިފިނަމަ، އެ ފަނޑިޔާރަކު ކުރި ޢަމަލަކީ ޤާނޫނީ ވަކީލު ކަމުގެ ސުލޫކީ މިންގަނޑާ ޚިލާފު ޢަމަލެއް ކަމަށް ބަލައި,
އެ ފަނޑިޔާރަކަށް ދޫކޮށްފައިވާ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލު ކުރުން.

އަދި މިފަދައިން ފަނޑިޔާރުކަމުގައި ހުރި މީހެއްގެ ޤާނޫނީ ވަކީލުކަމުގެ ހުއްދަ ބާތިލުވެއްޖެނަމަ, އެ މީހަކު ދެން ގާނޫނީ
ވަކީލެއްގެ ގޮތުން ރާއްޖޭގައި މަސައްކަތްކުރެވޭނީ އެ ތާރީޚުން ފެށިގެން ފަސް އަހަރު ދުވަސް ފާއިތުވުމަށްފަހު, ޤާނޫނުގައިވާ ގޮތުގެ މަތީން ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށް އަލުން ހުށަހަޅައި، ޤާނޫނީ ވަކީލުކަމުގެ ހުއްދަ ހޯދުމަށްފަހު.

ނަމަވެސް ފަނޑިޔާރަކު, ފަނޑިޔާރު ކަމުގެ މަޤާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި، ޖުޑީޝަލް ސަރވިސް ކޮމިޝަނުން ނިންމާފައިވަނީ، ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ބޮޑު ޢަމަލެއް ކުރިަކަމަށް އެ ކޮމިޝަނުގެ ކަމާ ބެހޭ ތަޙްޤީޤަށް ސާބިތުވެފައިވާ ނަމަ، އެ މީހަކަށް އަލުން ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ނުލިބޭނޭ ގޮތަށް.

މި ބިލުގައި ފަނޑިޔާރުކަމުގެ މަޤާމާ އެކަށީގެންނުވާ ބޮޑު ޢަމަލެއް ކުރުން ކަމަށް ބުނެފައިވަނީ، ފަނޑިޔާރުކަމުގެ މަޤާމުގައި ހުރި ފަރާތަކުން ކުރި ޢަމަލަކީ، އޭގެ ސަބަބުން ފަނޑިޔާރުކަމުގެ މަޤާމާ އަދި ޝަރުޢީ ދާއިރާގެ އިތުބާރު ގެއްލޭ ފަދަ ބޮޑު ޢަމަލެއް ކަމުގައި.

Ads by Allied Insurance
  1. ދައުލަތުގެ މާލިއްޔަތު ލޫޓުވާ ސިޔާސީ ވަފާތެރި ކެހިވެރި ޗޯޜުން ފަޑިޔާރުގެޔަށް ބިރުދައްކަން އުޅެނީ !