ޚަބަރު

މުފްތީ މެންކް ރާއްޖޭގައި ދޭ ދަރުސް؛ ޑިޕްރެޝަން ، އެންޒައިޓީ އަދި ސްޓްރެސްއަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މަޝްހޫރު ދީނީ އިލްމުވެރިޔާ އިސްމާއީލް ބިން މޫސާ (މުފްތީ މެންކް) ރާއްޖޭގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާއިރު ދަރުސްތައް ދެއްވާނެ މައުލޫމާތައް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފިއެވެ.

Ads by Hajj Corporation

އިސްލާމިކް މިނިސްޓްރީން ވަނީ، މުފްތީ މެންކް މި މަހުގެ 28ން 31ށް ރާއްޖެއަށް ޒިޔާރަތް ކުރައްވަން ހަމަޖެހިފައިވާކަން ހާމަކޮށްފައެވެ. އަދި މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ އަދި ފުވައްމުލައް ސިޓީގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވާކަމަށް އެމިނިސްޓްރީން ބުނެއެވެ.

އެގޮތުން އެންމެ ފުރަތަމަ މިމަހުގެ 28 ވަނަ ދުވަހު މާލެ ސިޓީގެ އަލިމަސް ކާނިވަލުގައި ދެއްވާ ދަރުސްގެ މައުލޫއަކީ ޑިޕްރެޝަން ، އެންޒައިޓީ އަދި ސްޓްރެސްއެވެ. އޮކްޓޯބަރ މަހުގެ 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގެ ފުޓުބޯޅަ ސްޓޭޑިއަމްގައި ދެއްވާ ދަރުސް ދެއްވަން ހަމަޖެހިފައިވަނީ އިސްލާމްކަމާއި އޯގާތެރިކަމަށެވެ. 30 ވަނަ ދުވަހު އައްޑޫ ސިޓީގެ ސިޓީ ސްކޮޔަރގައި ދަރުސް ދެއްވުމަށް ހަމަޖެހިފައިވަނީ ޕްރޮޑަކްޓިވް މުސްލިމް އަށެވެ. އެންމެފަހު ދަރުސް ދެއްވާނީ ހުޅުމާލެ ސިންތެޓިކް ޓްރެކްގައެވެ. އެއީ މިމަހުގެ 31 ވަނަ ދުވަހުއެވެ. އެދަރުސްދެއްވާ މައުލޫއަކީ އާއިލީ މައްސަލަތައް ހައްލުކުރާނެ ގޮތެވެ. ކޮންމެ ދަރުސެއްވެސް ފެށޭނީ ދަރުސް ބޭއްވުމަށް އޮންނަ ދުވަހުގެ ރޭގަނޑު 8:45ގައެވެ. އަދި ދެއްވާ ދަރުސްތަކުގައި އާންމުންގެ ސުވާލުތަކަށް ހުޅުވައެއް ނުލާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މީގެއިތުރުން މިމަހުގެ 28ވާ ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމްވެ ހުކުރު ނަމާދު ކުރައްވާނީވެސް މުފްތީ މެންކެވެ.

މުފްތީ މެންކް މީގެ ކުރިންވެސް އެކި ފަހަރު މަތިން ރާއްޖެ ވަޑައިގެން، ދީނީ ދަރުސްވެސް ދެއްވާފައިވެއެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ. އެ ދަތުރުފުޅުގައި ދަރުސް ދެއްވީ ހދ. ކުޅުދުއްފުށީގައެވެ. އޭގެ ކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެވަޑައިގެން، އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވާފައި ވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!