ވެރިކަމަށް ހޮވިއްޖެނަމަ ޗާގޯސް މައްސަލައިގައި ރާއްޖެއިން އެންމެ ތަންފުކެއް ވެސް ދޫވިޔަ ނުދޭނަން: ނާޒިމް
އަންނަ އަހަރު އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަކޮށް ވެރިކަމަށް ހޮވިއްޖެނަމަ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސްގެ ކަނޑުއިން ކަނޑައެޅުމުގެ މައްސަލައިގައި ރާއްޖެއިން އެންމެ ތަންފުކެއް ވެސް ނުދީ މަސައްކަތް ކުރައްވާނެ ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ)ގެ ރައީސް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމް މިހެން ވިދާޅުވީ، އެމްއެންޕީގެ އައު އޮފީސް ރަސްމީކޮށް ހުޅުވުމަށް މިރޭ ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
ޗާގޯސްގެ ކަނޑުގެ އިން ކަނޑައެޅުމުގެ މައްސަލަ މިހާރު އޮތީ އިންޓަރނޭޝަނަލް ކޯޓުގައެވެ. މިމައްސަލަ ބޮޑުވެފައިވަނީ ޗާގޯސްއަކީ މޮރިޝަސްގެ ބައެއް ކަމަށް ރާއްޖެއިން ޤަބޫލު ކުރުމާއި ގުޅިގެންނެވެ. ނަމަވެސް ކަނޑުގެ އިން ކަނޑައަޅާއިރު، ދޫ ނުދޭނެ ކަމަށް ސަރުކާރުން ބުނެއެވެ.
ސަރުކާރުން މި މައްސަލައިގައި ކަންކުރައްވާ ގޮތަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ނާޒިމް ވިދާޅުވީ، އެ މައްސަލަ ސަރުކާރަށް ހައްލު ނުވި ކަމަށެވެ.
"މި ސަރުކާރު ކީކޭތޯ މި ކިޔަނީ؟ މި ސަރުކާރަށް މިކަމެއް ނުވިއެއް ނޫންތޯ؟ ކޮންމިސް ކަހަލަ އަމިއްލަ ފައިދާއަކަށް، ޕާޓީގެ ފައިދާއަކަށް އަމިއްލަ ޤައުމު ވިއްކާލާ ވާހަކަ އަޑު އިވެމުން މިދަނީ." އަދި އޭނާގެ ޕާޓީ އިންތިޚާބު ކާމިޔާބު ކުރައްވައިފިނަމަ ރާއްޖެއިން އެންމެ ތަންފުކެއް ވެސް މޮރިޝަސްއަށް ނުދޭނެ ކަމަށް ވިދާޅުވިއެވެ.
"މި ޕާޓީއަށް ފުރުސަތު ދެއްވާ. އިރާދަ ކުރެއްވިއްޔާ އަޅުގަނޑުމެންނަށް ގެއްލެމުންދާން އުޅޭ ޗާގޯސްގެ މައްސަލައިގައި އަޅުގަނޑުމެން ޤާނޫނުގެ ތަރަހައިގެ ތެރެއިން މަސައްކަތްކޮށް، ރާއްޖެއިން އެންމެ ތަންފުކެއް ވެސް ނުދޭ ގޮތަށް މަސަައްކަތް ކުރާނެ ވާހަކަ ދަންނަނަވަން"
ނާޒިމްގެ ވާހަކަފުޅުގައި އެ ޕާޓީން މި އަންނަ އަހަރު ކެނޑިޑޭޓަކު ނެރެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރާނަނެ ކަމަށް ވިދާޅުވާ ވާހަކަ ވަނީ ތަކުރާރު ކުރައްވާފައެވެ. އަދި އެމްއެންޕީ އުފެއްދީ ވެރިކަން ކުރަން ކަމަށާއި އެމްއެންޕީގެ ޕްރައިމަރީގައި އޭނާ ވާދަ ކުރައްވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ވެރިކަމަން ހޮވިއްޖެނަމަ ދިވެހިރާއްޖޭގެ ބަޢާވާތް ކުރުމުގެ ކޯސްތަށް ހިންގާ ރައްޔަތުން އެކަމަން އަހުލުވެރި ކުރާނަން !ފިސްތޯލަ އަލަމާރީގައި ރައްކާކުރާނޭގޮތުގެ ތަމްރީނުތަށް މުޅިރާއްޖެތެރޭގެ ރައްޔަތުންނަށް ފަހިކޮއްދޭނަން!