ފޭދޫ ނަރުދަމާގެ 95 އިންސައްތަ މަސައްކަތް ނިންމީ ކުރީ ސަރުކާރުން: ޠާރިޤު
ރައީސް ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަން ނިމުނުއިރު، އައްޑޫ ސިޓީ ފޭދޫގެ ނަރުދަމާ މަޝްރޫޢުގެ 95 އިންސައްތަ މަސައްކަތް އޮތީ ނިމިފައި ކަމަށް އެމަނިކުފާނުގެ ވެރިކަމުގައި އެންވަޔަރްމަންޓް މިނިސްޓަރުކަން ކުރެއްވި ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.
ޠާރިޤު މިފަދައިން ވިދާޅުވެފައިވަނީ ރައީސް ޔާމީން އައްޑޫ ސިޓީއަށް ކުރައްވާ ދަތުރުފުޅާ ދިމާކޮށް، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ މެމްބަރު މުޙައްމަދު ނިހާދު، ރައީސް ޔާމީން ޓެގް ކުރައްވައި ކުރެއްވި ޓްވީޓަކަށް ދެއްވި ޖަވާބުގައެވެ.
ފޭދޫގެ ހަލާކުވެފައިވާ މަގުތަކެއްގެ ފޮޓޯ ހިއްސާ ކުރައްވައި ނިހާދު ރައީސް ޔާމީނަށް ވިދާޅުވީ އެ މަގުތައް ބައްލަވައިލެއްވުމަށެވެ. އޭނާ ކުރެއްވި ޓްވީޓަށް ދެއްވި ޖަވާބުގައި ޕީޕީއެމްގެ ސެނެޓަރ މުޙައްމަދު އަބްދުލްކަރީމް(ރުކުމާ) ވަނީ ފެނާ ނަރުދަމާ ނާޅާ މަގުގައި ތާރުއެޅީ "ގަމާރުން" ކަމަށާއި، އައްޑޫ ރައްޔިތުންނަށް ސާފު ބޯފެން އަދި ނަރުދަމާ ކަށަވަރު ކޮށްދިނީ ރައީސް ޔާމީން ކަމަށް ވިދާޅުވެފައެވެ.
ރުކުމާއަށް ރައްދު ދެއްވައި ކުރެއްވި އިތުރު ޓްވީޓެއްގައި ނިހާދު ވިދާޅުވީ އައްޑޫގައި ސާފު ބޯފެނާ ނަރުދަމާގެ މަޝްރޫޢު ފެށީ ރައީސް މުޙައްމަދު ނަޝީދުގެ ސަރުކާރުގައި ކަމަށާއި ނަޝީދުގެ ވެރިކަން ވައްޓައިލުމަށްފަހު، ރައީސް ޔާމީންގެ ވެރިކަމުގައި މަގު ކޮނެފައި، މަސައްކަތްވެސް ނުނިންމާ ކަމުގައެވެ.
ނިހާދަށް ރައްދު ދެއްވައި ކުރީގެ އެންވަޔަރްމަންޓް މިނިސްޓަރު ވިދާޅުވީ ނިހާދު ހެއްދެވީ ހުސް އިތުރުފުޅު ކަަމަށެވެ.
"އައްޑޫސިޓީ ފޭދޫ، މަރަދޫފޭދޫ އަދި މަރަދޫ ރައްޔިތުންނަކަށް ތިވާހަކައެއް އޮޅުވައެއްނުލެވޭނެ.
އެމްޑީޕީގެ ކުރީ ސަރުކާރުގަ ބައިވޯޓަރއާ ހަވާލުކުރި ފެނުގެ މަޝްރޫއު ހުއްޓާލީމަ، އެމަޝްރޫއު މަސަޔްކަތް އަލުން ފައްޓާ، ސާފުފެން ގޭ ބިސީތަކަށް ފޯރުކޮއްދެއްވީ ރައީސް ޔާމީންގެ ސަރުކާރުގަ." ޠާރިޤު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، 2017 ވަނަ އަހަރުގައި، ފޭދޫގެ ނަރުދަމާގެ މަސައްކަތް ފަރުމާކޮށް އެމްޓީސީސީއާ ހަވާލު ކުރެވުނު ކަމަށެވެ. އަދި 2018 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ނިޔަލަށް ދިޔައިރު، ނަރުދަމާގެ ޢަމަލީ މަސައްކަތުގެ 95 އިންސައްތައަށްވުރެ ބޮޑު ބައި ވަނީ ނިންމާފައި ކަަމަށްވެސް ވިދާޅުވިއެވެ.
"ނަމަވެސް ޙަޤީޤަތަކީ އެމްޑީޕީގެ ސަރުކާރަށް ހަތަރު އަހަރު ފުރެމުންދާއިރުވެސް، ފޭދޫ، މަރަދޫ ފޭދޫ، ފޭދޫ، އަދި މަރަދޫގެ ނަރުދަމާގެ މަސައްކަތް އެއްކޮށް ނިންމާ ނުލެވުނުކަން. މީ ޙަޤީޤަތް."
ރައީސް ޔާމީން މާދަމާ އައްޑޫ ސިޓީއަށް ވަޑައިގަތުމަށް ހަމަޖެހިފައިވާއިރު، އެ ސިޓީގައި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުގެ ވަފުދެއް، މިހާރު ދަނީ އެ މަނިކުފާނުގެ ދަތުރުފުޅަށް ތައްޔާރުވަމުންނެވެ. ރައީސް ޔާމީންގެ މި ދަތުރުފުޅުގައި، އެމްޑީޕީގެ މެޖޯރިޓީ އޮންނަ އައްޑޫގެ ހުރިހައި ފިކުރެއްގެ ރައްޔިތުންނާވެސް ބައްދަލު ކުރައްވާނެ ކަމަށް އިދިކޮޅުން ވަނީ ބުނެފައެވެ.