ނަޝީދު ވަކިކުރަން ކޯޓަށް ހުށަހެޅި މައްސަލަ ބޭރުކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މެމްބަރުކަމުން ވަކިކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުން ބޭރުކޮށްލައިފިއެވެ.
ނަޝީދުގެ ގޮނޑި ގެއްލިއްޖެ ކަމަށް ކަނޑައަޅައިދޭން އެދި ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވީ ގާނޫނީ ވަކީލު އަހުމަތު ތޯލިބެވެ.
ސުޕްރީމް ކޯޓުގެ ރަޖިސްޓާ މިއަދު ވަނީ އެ މައްސަލަ ބަލައިނުގަތުމަށް ނިންމައިފައެވެ. ނަމަވެސް ރަޖިސްޓާގެ ނިންމުން ފަނޑިޔާރުންގެ މަޖިލިހަށް ހުށަހެޅުމުގެ ފުރުސަތު އަދި އޮންނާނެއެވެ.
ނަޝީދު މަޤާމުން ވަކި ކުރަން ނިންމާފައިވަނީ، ދާދިފަހުން މިސްރުގައި ބޭއްވި އދ.ގެ މި އަހަރުގެ ކުލައިމެޓް ޗޭންޖް ކޮންފަރެންސްގައި ސްރީ ލަންކާ ތަމްސީލް ކުރެއްވުމަށް ނަޝީދު ވަޑައިގެންނެވުމާއި ގުޅިގެންނެވެ.
ނަޝީދު ވަކިކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އަހުމަދު ތާލިބް ވިދާޅުވެފައިވަނީ ދިވެހި ދައުލަތުގެ މަސްލަހަތު ފުށުއަރާ ގޮތަށް ދިވެހި ދައުލަތުން މުސާރަ ނަންގަވައިގެން ދިވެހި ގައުމަށް ވަފާތެރިވުމަށް ކޮށްފައިވާ ހުވަޔާ ހިލާފަށް އެހެން ސިޔާދަތީ ބާރެއް ތަމްސީލުކުރެއްވުމަކީ ގާނޫނު އަސާސީގެ 75 ވަނަ މާއްދާއާ ހިލާފު ކަމެއް ކަމަށެވެ.