ޚަބަރު

ތިނަދޫން މީހުން ބޭލި މައްސަލަ އަންނަ މަހަށް ނިންމަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

ހުވަދު އަތޮޅު ދެކުނުބުރީ ތިނަދޫން މީހުން ބޭލި ހާދިސާއާ ގުޅިގެން އިންތިޤާލީ އިންސާފު އޮފީހުން ކުރިއަށް ގެންދާ ތަހުގީގު ނިންމައި އަންނަ މަހު ފައިނަލް ރިޕޯޓް އެކުލަވާލާނެކަމަށް އެއޮފީހުން ވިދާޅުވެއްޖެއެވެ.

Ads by STELCO

މިމައްސަލައިގެ ތަހްޤީޤު ކުރިއަށްދާ ގޮތާއި ގުޅޭގޮތުން އިންތިޤާލީ އިންސާފު އޮފީހުގެ ބަޕްލިކް ރިލޭޝަންސް އެގްޒެކެޓިވް، އައިޝަތު ފަތުހީ ވިދާޅުވީ ތިނަދޫން މީހުން ބޭއްލި މައްސަލައިގެ ތަހުގީގުގެ ބޮޑު ބައި މިހާރު ނިމިފައިވާކަމަށެވެ.

އަދި މިހާރު މަސައްކަތް ކުރަނީ ތަހުގީގްގެ މަސައްކަތް ނިންމައި އަންނަ މަހުގެ ތެރޭގައި މިހާދިސާގެ ފައިނަލް ރިޕޯޓް އެކުލަވާލައި މައްސަލަ ނިންމުމަށް ކަމަށް އެ އޮފީހުން ވިދާޅުވިއެވެ.

1962ވަނަ އަހަރު ގދ.ތިނަދޫން މީހުން ބޭލި ހާދިސާގައި އެ ރަށުގެ ރައްޔިތުންނަށް ލާއިންސާނީ އަނިޔާދީ، އެމީހުންގެ އެތަކެއް އަސާސީ ހައްގުތަކެއް ގެއްލުވާލިކަމަށް ބުނެ އިންތިޤާލީ އިންސާފުގެ އޮފީހަށް ހުށަހަޅައިފައިވާ މައްސަލައިގެ އަޑުއެހުންތައް ފަށައިފައިވަނީ މި އަހަރުގެ މާޗް މަހުގެ 19ވަނަ ދުވަހުއެވެ.

މިމައްސަލައިގެ އަޑުއެހުންތައް މާލޭގެ އިތުރުން ތިނަދޫގައި ބާއްވައިފައިވެއެވެ. ތިނަދޫން މީހުން ބޭލި މައްސަލަ އިންތިޤާލީ އިންސާފްގެ އޮމްބަޑްސްޕާސަންގެ އޮފީހުން ބަލަނީ ޤައުމީ މަސްލަހަތު ހިމެނޭ މައްސަލައެއްގެ ގޮތުގައެވެ.

ރައީސް އިބްރާހީމް ނާސިރުގެ ވެރިކަމުގައި ތިނަދޫން މީހުން ބޭލީ ފެބުރުއަރީ 4، 1962ގައެވެ. ތިނަދޫން މީހުން ބޭލުމާ ގުޅިގެން އެރަށު މީހުން ރަށުން ފައިބައިގެން ދިޔައީ އެއަތޮޅުގެ މީހުން އުޅޭ ބައެއް ރަށްރަށާއި މީހުން ނޫޅޭ ބައެއް ރަށްރަށަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!