ނުފޫޒު ބޭނުންކޮށްގެން މިނިސްޓަރު އަމީން ސިއްހީ ވަސީލަތްތައް ހޯދާ ވާހަކަ ދޮގުކޮށްފި
ނުފޫޒު ބޭނުންކޮށްގެން ހެލްތު މިނިސްޓަރު އަބްދުﷲ އަމީނު ސިއްހީ ވަސީލަތްތައް ހޯދާ ކަމުގެ ތުހުމަތު ހެލްތު މިނިސްޓްރީގައި މީގެ ކުރިން މަސައްކަތް ކުރެއްވި ޑޮކްޓަރުންތަކަކާއި ސިއްހީ ދާއިރާގެ ތަޖުރިބާކާރުންތަކެއް ދެއްކެވި ވާހަކަތައް ހެލްތު މިނިސްޓްރީން ދޮގުކޮށްފިއެވެ.
ސިއްހީ ދާއިރާގެ ކަންކަމާ ގުޅޭ ގޮތުން އިޖުތިމާއީ ކޮމިޓީގެ 32 ވަނަ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޑރ. އަލީ ހަފީޒާ ވިދާޅުވީ ސަރުކާރުގެ އެގްޒެކިއުޓިވް ބޭފުޅުންގެ ބައްދަލުވުންތައް މިނިސްޓަރު އަމީނު ނުބާއްވާ ކަމަށެވެ. ސިޔާސީ ބޭފުޅުންނާއި އެކުގައި އެއްވެސް ބައްދަލުވުމެއް ނުބާއްވާތާ ދެ މަހެއްހާ ދުވަސްވެފައިވާ ކަމަށް ވިދާޅުވެ ހަފީޒާ ވިދާޅުވީ މިނިސްޓަރު އަމީން ކަންކަން ނިންމަވަނީ މަޝްވަރާ ކުރުމެއް ނެތި ކަމަށެވެ. މީގެއިތުތުން ސިއްހީ ދާއިރާއަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށް ނުފޫޒު ބޭނުންކުރާ ކަމަށްވެސް ހަފީޒާ ވިދާޅުވިއެވެ.
އެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރާއްޖޭގެ ސިއްހީ ނިޒާމްގައި ހުރި ބޮޑެތި މައްސަލަަތައް ރަނގަޅުނުވެ ދުވަހެއް ދުވަހަކަށް ދަނީ ފަހަަތަށް ކަމަށާއި ސިއްހީ ނިޒާމް ދަނީ ވަޅު ޖެހެމުން ކަމަށް ޑރ. އިސްހާގް ޝަފީގް ވަނީ ވިދާޅުވެފައެވެ.
ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއީ ކޮމެޓީގައި ބޭއްވި ބައްދަލުވުމުގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން އެ ކޮމެޓީއަށް ބައެއް މެމްބަރުން ދެއްވި މައުލޫމާތުތަކާއި ގުޅޭ ކަންކަން ސާފު ކޮށްދިނުމަށް ހެލްތް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ މަޖިލީހުގެ ކޮމެޓީން ބޭއްވި އެ ބައްދަލުވުމުގައި ބައިވެރިވި ބައިވެރިން ފާހަގަ ކޮށްފައިވާ އެއްވެސް ކަމަކާ ގުޅޭގޮތުން ކޮމެޓީއަށް މައުލޫމާތު ދިނުމުގެ ކުރިން އެ މިނިސްޓްރީއާ އެއްވެސް ވަރަކަށް މަޝްވަރާ ކޮށްފައި ނުވާ ކަމަށެވެ.
އަދި ރައްޔިތުން މަޖިލީހުގެ ކޮމެޓީއެއްގައި ސިއްހީ ދާއިރާއާ ގުޅޭގޮތުން ދީފައިވާ މައުލޫމާތުގެ ސައްހަކަން ކަށަވަރު ކުރުމަކީ މުހިންމު ކަމެއް ކަމަށާއި ސިއްހީ ދާއިރާ އިތުރައް ހަރުދަނާ ކުރުމަށް ހިޔާލާއި ލަފައަށް މިނިސްޓްރީން އަބަދުވެސް ތަރުހީބުދޭ ކަމަށްވެސް އެ މިނިސްޓްރީގެ ބަޔާނުގައި ވެއެވެ.