ދުނިޔޭގެ ތަށި ލިބުމުން، ޤައުމީ ޓީމާއެކު ހުންނަން މެސީ ނިންމައިފި

އާޖެންޓީނާއަށް ދުނިޔޭގެ ތަށި ހޯދައިދިން ކެޕްޓަން ލިއޮނަލް މެސީ، އެ ގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުން ރިޓަޔަރ ނުކުރަން ނިންމާފައިފިއެވެ.
ފީފާ ވޯލްޑްކަޕް ގަތަރު 2022ގެ ފައިނަލުގައި، ރޭ ފްރާންސާ ދެކޮޅަށް ނުކުމެ، ޕެނަލްޓީ ޖަހައިގެން އާޖެންޓީނާއިން ހޯދީ ކާމިޔާބީއަށް ފަހުގައި މެސީ ބުނީ ދުނިޔޭގެ ޗެމްޕިއަންގެ ގޮތުގައި ގިނަ މެޗުތައް ކުޅެން ބޭނުންވާ ކަމަށެވެ.
މެސީ ބުނީ އޭނާގެ ފުޓްބޯޅައިގެ ޙަޔާތުގައި ހުރިހައި ޓައިޓަލްްއެއްވެސް ލިބުނު ކަމަށާއި، ދުނިޔޭގެ ތަށި ލިބުމާއެކު ހުރިހާ އެއްޗެއްވެސް ލިބުނީ ކަމަށެވެ. އެހެންވެ، މި ލިބުނު ކާމިޔާބީގެ ފޮނިމީރުކަން، އެންމެންނާއެކުގައި ހިއްސާ ކުރަން ބޭނުންވާ ކަަމަށްވެސް، އުމުރުން 35 އަހަރުގެ މެސީ ބުންޏެވެ.
ގަތަރުގައި ރޭ ނިމުނީ އޭނާގެ އެންމެ ފަހު ވޯލްޑްކަޕް ކަމަށް މެސީ ބުނެފައިވެއެވެ.
ރޭގެ ފައިނަލު މެޗުގައި މެސީއަށް ވަނީ، މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ ރަންބޯޅަވެސް ލިބިފައެވެ. 2014 ވަނަ އަހަރުގެ ވޯލްޑްކަޕްގައިވެސް މެސީއަށް، އެންމެ މޮޅު ކުޅުންތެރިޔާގެ ޝަރަފު ލިބުނެވެ. ނަމަވެސް އެ މުބާރާތުގެ ފައިނަލުން، ޖަރުމަނާ ދެކޮޅަށް ކުޅެ، އާޖެންޓީނާ ވީ ބައްޔެވެ.