ގްރޭޓާ މާލެ ކުންފުނި އެޗްޑީސީ އާއި އެއްކޮށްލަން ނިންމައިފި
ގްރޭޓާ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް (ޖީއެމްއައިޒެޑްއެލް) ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި އެއްކޮށްލަން ސަރުކާރުން މިއަދު ނިންމައިފިއެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ގެ ސަރުކާރުން ޖިއެމްއައިޒެޑްއެލް އިން އެކުންފުނި އުފެއްދީ ތިލަފުށްޓާއި ގުޅީފަޅު މެނޭޖް ކުރުމަށެވެ. އަދި އެޗްޑީސީ އަކީ ހަމައެކަނި ހުޅުމާލެ މެނޭޖްކުރާ ކުންފުންޏެކެވެ.
މިކަމާއި ގުޅޭގޮތުން އޮންލައިން ނޫސް "ސަން" އަށް ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ރަޝީދު (މާގިލި އިބޫ) ވިދާޅުވެފައިވަނީ އެދެކުންފުނި އެއްކޮށްލަން ސަރުކާރުން ނިންމާފައިވާކަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ. އަދި މިކަމާއިގުޅިގެން އިޖުރާއަތްތައް ފުރިހަމަ ކުރުމަށްޓަކައި ޖީއެމްއައިޒެޑްއެލްގެ ބޯޑު ބައްދަލުވުމެއް މާދަމާ ބާއްވަން ނިންމަވާފައިވާ ކަމަށް ވެސް މާގިލި އިބޫ ވިދާޅުވެފައިވެއެވެ.
"މަދަމާ ބޯޑު މީޓިންގައި އޮތީ ހީއްސާ ބައްދަލު ކުރުމާ ގުޅޭ ގޮތުން އަަސާސީ ގަވައިދަށް ގެންނަން ޖެހޭ ބަދަލުތައް ގެނައުން. މިއީ ދެ ކުންފުނި މާޖު ކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް،" މާގިލި އިބޫ ވިދާޅުވެފައިވެއެވެ.
މިކަމާއި ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބޭ ކަމަށް ވެސް އިބޫ ވިދާޅުވެފައިވެއެވެ.
ޖީއެމްއައިޒެޑްއެލްގެ މެނޭޖިން ޑިރެކްޓަރުގެ މައްޗަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކެއް މީގެ ކުރިން ވަނީ ފެންމަތިވެފައިވެ އެވެ.
އެގޮތުން މާގިލި އިބޫއަށް ތުހުމަތު ކޮށްފައިވަނީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވަކި ބަޔަކަށް މަންފާ ލިބޭގޮތަށް ޖީއެމްއައިޒެޑްއެލްގެ އިހްތިސާސްތެރޭގައި ހިމެނޭ ތިލަފުށި ފަޅުތެރޭގައި ވެރިއަކު ނެތި އޮތް ބޯޓެއް ނައްތާލުމަށް ބަޔާކާ ހަވާލު ކުރި ކަމަށެވެ. ނަމަވެސް އެމަނިކުފާނު ވަނީ މިތުހުމަތުތައް ދޮގު ކުރައްވާފައެވެ.