ޚަބަރު

އަފްޣާނިސްތާނުގެ އިޤްތިޞާދީ މިޞްރާބު ބަދަލު ކުރަނީ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގައި މިއަދު އޮތް ސަރުކާރަކީ އިޤްތީޞާދީ ޒާތީ ފުދުންތެރިކަން ނުވަތަ ސެލްފް-ސަފިޝަންސީ ކަށަވަރުކޮށް، ބިދޭސީ އިންވެސްޓްމަންޓްތަކަށް މަރުޙަބާ ކިއާ ސަރުކާރެއް ކަމަށް، ގަދަ ބާރުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނަގައިގެން އޮތް ހަތިޔާރު އެޅި ހަނގުރާމަވެރި ޠާލިބާން ޖަމާޢަތުން އަފްޣާނިސްތާނުގައި އެކުލަވާލި ކެބިނެޓްގައި، ވިޔަފާރިއާ ބެހޭ ވަޒީރުގެ ކަމުގެ މަޤާމު، ވަޤުތީ ގޮތުން އަދާ ކުރަމުން ދާ ހާޖީ ނޫރުއްދީން އަޒީޒީ ބުނެފިއެވެ.

Ads by Sosun Fihaara

މިފަދަ ރޫހެއްގައި ނޫރުއްދީން ވާހަކަދައްކާފައި ވާ މި ދަނޑިވަޅަކީ، އަންހެނުންނާ ދެކޮޅަށް ޠާލިބާނު ސަރުކާރުން ތަންފީޒު ކުރަމުންދާ ސިލްސިލާ، ހަރުކަށި ފިޔަވަޅުތަކުގެ ސަބަބުން، ބައިނަލްއަޤުވާމީ މައިދާނުގައި އިންތިހާއަށް އަފްޣާނިސްތާނު ބާކީވެފައި ވާ ދަނޑިވަޅެކެވެ.

ނޫރުއްދީން ބުނާ ގޮތުގައި ޠާލިބާން ސަރުކާރުން އަފްޣާނިސްތާނުގައި ވެރިކަން ހިންގުމުގެ އިސްތިރާޖުގެ އަނެއް ބަޔަކީ، ވިޔަފާރި ކުރިއަރުވާ، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރު ކުރުމެވެ.

"ދަނޑުވެރި ކަމުގެ ދާއިރާއަށްވެސް ޝަޢުޤުވެރިކަން ފާޅުކޮށްފަ އެބަ ހުރި. އަފްޣާނިސްތާނުގެ ބިންތަކަކީ ފަސޭހައިން ފެން ލިބޭ ހިސާބުތަކައި ކައިރި ބިންތަކެއް ވީމަ، އީރާނުންވެސް އެބަ އޮތް ޝަޢުޤުވެރިކަން ފާޅުކޮށްފަ. ޗައިނާއިންވެސް އެބަ އޮތް އެ ދާއިރާގައި އިންވެސްޓް ކުރަން، ޝަޢުޤުވެރިކަން ފާޅުކޮށްފަ. އެހެން ބައެއް ޤައުމުތަކުންވެސް އެބަހުރި ދަނޑުވެރިކަމާއި، ނާމް ސޫފި ގެންގުޅުމާއި ސިނާޢީ މަސައްކަތްތަކުގެ ދާއިރާގަ އިންވެސްޓް ކުރަން ބޭނުންވެގެން ހުށަހަޅާފަ." ހާޖީ ނޫރުއްދީން އަޒީޒީ؛ އަފްޣާނިސްތާނުގެ އެކްޓިންގް ކޮމަރސް މިނިސްޓަރ ވިދާޅުވިއެވެ.

އީރާން، ރަޝިއާ އަދި ޗައިނާ ފަދަ ޤައުމުތަކުން އަފްޣާނިސްތާނާއެކު ވިޔަފާރިކޮށް، އިންވެސްޓް ކުރުމަށް ޝަޢުޤުވެރި ވާ ކަމަށް ނޫރުއްދީން ފާހަގަ ކުރެއެވެ. އެގޮތުން ސިނާޢީ ޕާކުތައް އެޅުމާއި، ހަކަތައިގެ ޕްލާންޓްތައް ޤާއިމު ކުރުމުގެ މަޝްވަރާތައް، ޗައިނާއާއެކު ކުރިއަށް ދާ ކަމަށާ، އެ ކަންކަން ކުރިއަށް ދަނީ ރަޝިއާއާއި އީރާނުގެވެސް ބައިވެރިވުމާ އެކުގައި ކަމަށް ނޫރުއްދީން ބުނެފައިވެއެވެ.

ޠާލިބާނުން އަފްޣާނިސްތާނުގެ ކޮންޓްރޯލް ނެގުމާއެކު، ބައިނަލްއަޤުވާމީ މައިދާނުން އަފްޣާނިސްތާނު އެކަހެރި ކުރިއެވެ. އަފްޣާނިސްތާނުގެ އަދުގެ ސަރުކާރަކީ ބައިނަލްއަޤުވާމީ ފެންވަރުގައި ބަލައިގެންފައިވާ ސަރުކާރެއްވެސް ނޫނެވެ. ޤައުމުގެ ބޭންކިންގް ދާއިރާ ވަނީ މުޅިން އިނދަޖެހިފައެވެ. ނަތީޖާއެއްގެ ގޮތުން، އަފްޣާނިސްތާނުގައި އިންވެސްޓް ކުރުމާ މެދު، ބިދޭސީ އިންވެސްޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ އައިސިސް ޖަމާއަތުން، ބިދޭސީ އަމާޒުތަކަށް ހަމަލާތައް ދޭ ދިނުމުގެ ސަބަބުން، ބިދޭސީ އިންވެސްޓަރުންގެ ހިތުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!