ޚަބަރު

އަފްގާން ބޮމުގެ ހަމަލާ އައިސިސް އިން ނަގައިފި

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޣާނިސްތާނުގައި ބުދަ ދުވަހު ދިން ބޮމުގެ ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގައިފިއެވެ.

Ads by Sosun Fihaara

އަފްޣާނިސްތާނުގެ ފޮރިން މިނިސްޓްރީ ކައިރީ، ބުދަ ދުވަހުގެ ހަވީރު 04:00ހާއިރު މީހަކު ޖާނުން ފިދާވެގެންދިން ހަމަލާގެ ޒިންމާ އިސްލާމިކް ސްޓޭޓުން ނަގާފައި ވަނީ އެޖަމާއަތުގެ މީޑިއާ، އަމަޤް ނިއުސް މެދުވެރިކޮށް ޓެލެގްރާމްގައެވެ.

އިސްލާމިކް ސްޓޭޓުން އަފްޣާނިސްތާނުގައި ދޭ މިފަދަ ހަމަލާތައް ވަނީ އިތުރުވާން ފަށާފައެވެ. އެޖަމާއަތުން ދަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބިދޭސީންނަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދެމުންނެވެ. އެގޮތުން އަފްޣާނިސްތާނުގައި ހުންނަ ޕާކިސްތާނު އަދި ރަޝިއާގެ އެމްބަސީއާއި އެގައުމުގައި ހަރަކާތްތެރިވަމުންދިޔަ ޗައިނާގެ ވިޔަފާރިވެރިންތަކަކަށް އާމާޒުކޮށް ވެސް އެޖަމާއަތުން ވަނީ ހަމަލާތައް ދީފައެވެ.

ބުދަ ދުވަހުގެ ބޮމުގެ ހަމަލާދިން ސަރަހައްދަކީ އެގައުމުގެ ފޮރިން މިނިސްޓްރީގެ އިތުރުން، އިތުރު އެހެން މިނިސްޓްރީތަކާއި އެގައުމުގައި ހުންނަ ތުރުކީ އަދި ޗައިނާގެ އެމްބަސީތައް ވެސް ހުންނަ ސަރަހައްދެވެ.

މިހަމަލާގައި ފަސް މީހުން މަރުވެފައިވާކަމަށް ކާބުލް ފުލުހުން ބުނާއިރު، ތާލިބާނުންގެ އިންފޮރމޭޝަން މިނިސްޓްރީން ބުނަނީ ހަމަލާގައި މަރުވި މީހުންގެ އަދަދު 20ށް އަރާކަމަށެވެ.

އާންމުވެފައިވާ ބައެއް ފޮޓޯތަކުން މިނިސްޓްރީގެ ބޭރުގައި ނުވަ މީހުންގެ ފުރާނަ ނެތް ހަށިގަނޑު ފެންނަން އޮތެވެ.

އިންފޮރމޭޝަން މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، ހަމަލާދިން މީހާ ބޭނުންވީ ފޮރިން މިނިސްޓްރީގެ ތެރެއަށް ވަންނަންށެވެ. އެކަން އޭނާއަށް ކާމިޔާބު ނުވިކަމަށް އޮފިޝަލު ފާހަގަކުރިއެވެ.

ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި ހުރި ހޮސްޕިޓަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ބޮމުގެ ހަމަލާގެ ސަބަބުން 40ށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އ.ދ.، އިނގިރޭސިވިލާތް އަދި ޕާކިސްތާނު ހިމެނެހޭން ގިނަ ގައުމުތަކަކުން ވަނީ މިހަމަލާ ކުށްވެރިކޮށްފައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!