މިދިޔަ މަހު 52 މީހަކު ޖަލަށް, އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުން

މިދިޔަ މަހު 52 މީހަކު ޖަލަށް ގެންގޮސްފައިވާ ކަމަށާއި މީގެތެރޭގައި ގިނައީ މަސްތުވާތަކެތީގެ އެކި މައްސަލަތަކުގެ މީހުން ކަމަށް މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއިން ހާމަކޮށްފިއެވެ.
ކަރެކްޝަނުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިއަހަރު މިހާތަނަށް ޖަލަށް ގެންދިޔަ މީހުންގެ ތެރެއިން އެންމެ ގިނައީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ހުކުމްކޮށްފައިވާ މީހުންނެވެ. އެގޮތުން މިދިޔަ މަހު ޖަލަށްލީ މީހުންގެ %55.8 އަކީ މަސްތުވާތަކެތީގެ މައްސަލަތަކުގައި ޖަލަށް ހުކުމްކުރި މީހުންނެވެ.
މިދިޔަ މަހު ޖަލުން 59 މީހަކު ދޫކޮށްލާފައިވެއެވެ. ތެރެއިން 24 މީހުންނަކީ އެމީހުންގެ މައްޗަށް އިއްވާފައިވާ ހުކުމް ތަންފީޒުކޮށް ނިމުމުން ޖަލުން މިނިވަންވެފައިވާ މީހުންނެވެ.
ކަރެކްޝަނަލް ސަރވިސްގެ ތަފާސް ހިސާބުތައް ދައްކާގޮތުން ދެވަނައަށް އެންމެ މީހުން ޖަލަށް ލާފައިވަނީ ވައްކަމާއި ފޭރުމުގެ މައްސަލަތަކުގައެވެ. މީގެ އިތުރުން ކުޑަކުދިންނަށް ޖިންސީ ގޯނާކުރި މައްސަލަތަކުގައި ޖަލަށްލީ މީހުންގެ އަދަދަކީ %4.7އެވެ.