ޚަބަރު ރައްޔިތުންގެ މަޖިލިސް

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ އެއްވެސް މީހަކަށް، އެއްވެސް ލުޔެއް ނުދޭނަން: އިމްރާން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

މަސްތުވާތަކެތީގެ މައްސަލަތަކުގައި ހިމެނޭ އެއްވެސް މީހަކަށް އެއްވެސް ލުއިއެއް ނުދޭނެކަމަށާއި އެފަދަ މައްސަލަތަކުގައި ޝާމިލްވާ ފަރާތްތަކުން ސަމާލުވުމަށް ދަންނަވާކަމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން މިނިސްޓަރ އިމްރާން ވިދާޅުވީ ރާއްޖޭގައި ހާއްސަކޮށް މަސްތުވާތަކެއްޗާއި ގޭންގުތައް ހިނގުމުގެ ކުށުގައި ބައިވެރިވާ ފަރާތްތަކުން އެފަރާތަކަށް ލިބެންޖެހޭ އަދަބަކަށް އިރާދަކުރެއްވިއްޔާ ދޭނެ އެއްވެސް ލުޔެއް ނޯންނާނެކަމަށެވެ.

"ގޭންގުތަކާއި ޑްރަގް ޓްރެފިކިންގެ މައްސަލަތަކަކީ އަޅުގަނޑު އެކަންކަމާާއި އަޅާނުލައި ދޫކޮށްލާނެ ކަމެއް ނޫން. އޭގެތެރޭގައި ޝާމިލުވާ އެއްވެސް ފަރާތެއްގެ ކުރިމަތީގައި އަޅުގަނޑު އިރާދަކުރެއްވިއްޔާ ތިރިއެއްނުވާނަން. މިކަމުގެ ޔަގީންކަން ތިހުރިހާ މެމްބަރުންނަށް ވަރަށް ސާބިތުކަމާއެކު އަޅުގަނޑު އަރުވަން" މިނިސްޓަރ އިމްރާން ވިދާޅުވިއެވެ.

އިމްރާން ވިދާޅުވީ މިފަދަ މައްސަލަތައް ހައްލުކުރުމަށް ފުލުހުންނާއެކު ވަރަށް ގިނަ މަސައްކަތްތައް ކުރައްވަމުން ގެންދަވާކަމަށާއި ޑްރަގްގެ ބޮޑެތި ނެޓުވޯކްތަކުގެ މައްސަލައާއި ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ޤައުމުގެ މުއައްސަސާތަކުގެ އިސްވެރިން ބައިވެރިވާކަމަށެވެ.

"ދާދިފަހަކުން ހިނގައިފައިވާ ބޮޑެތި މައްސަލަތަކެއްވެސް އިތުރަށް ބަލައި ދިރާސާއެބަ ކުރަން. މީގެ ތެރޭގައި އަޅުގަނޑު ހަނދާން އެބަހުރި 2021 ވަނަ އަހަރު އަޅުގަނޑު މަސްތުވާތަކެތި ނައްތާލުމުގެ ތެރޭގައި ދެންނެވިން މިމައްސަލައިގައި ހާއްސަކޮށް ޑްރަގްގެ ބޮޑެތި ނެޓުވޯކްތަކުގެ މައްސަލައާއި ސިޔާސީ ބައެއް ބޭފުޅުންނާއި ވިޔަފާރިވެރިންނާއި ގައުމުގެ މުއައްސަސާތަކުގެ އިސްވެރިން އެބަ ބައިވެރިވެޔޭ އަޅުގަނޑު މިއަދުވެސް ދަންނަވާލަން ބޭނުން މިމަސައްކަތް ކުރިއަށް ގެންދާއިރުގައި އެއްވެސް ބޭފުޅަކަށް އަޅުގަނޑާއި އަރާއި ހަމަކުރާނަމަ އަޅުގަނޑު ފަހަތަކަށް ނުޖެހޭނަން" މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރު އިމްރާން އިތުރަށް ވިދާޅުވީ އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދެއްވުމަށް އެދޭކަމަށާއި ހުރިހާ ބޭފުޅުން ފެއަށް ޖެހިވަޑައިގަންނެވުމަށް ވަރަށް ސާބިތު ކަމާއެކު ދަންނަވާކަމަށެވެ. އަދި މިއަޑު އެންމެން އައްސަވާނެކަމަށް ގަބޫލު ކުރައްވާކަމަށާއި ފަހަތަށް ނުޖެހޭނެކަމަށާއި މިފަދަ ކަންކަން ކުރުމަށްޓަކައި ދައުލަތުގެ އެއްވެސް އިސްވެރިއަކު ބައިވެރިވުމަކީ މިދައުލަތަށް ލިބޭނެ ވަރަށް ބޮޑު ދެރައެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

 

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!