ލައިފްސްޓައިލް

އަހަންނަށް މަޢާފު ކުރާށެވެ. މާދަމާ ވެސް މިދުނިޔޭގައި އަހަރެން ނުހުރެދާނެއެވެ.

މުޙައްމަދު ޝިފާއު ، ދެން އޮންލައިން

ދުނިޔެއަކީ ވަގުތީ ފާލަމެކެވެ. މި ދުނިޔެއިން ލިބޭނީ ވަގުތީ އުފަލާއި ހިތްހަމަ ޖެހުމެވެ. ތިމާއަށް ލިބޭ މުއްސަނދި ކަމަކާއި، ބޮޑެތި ގަނޑުވަރުތަކަކީ ވެސް ހަމަ ވަގުތީ އުފާވެރިކަމެވެ. ދުނިޔެ ފަނާވެގެން ދާއިރުގައި ތިމާއަކަށް މީގެން އެއްވެސް އެއްޗެއް ސަލާމަތެއް ނުކުރެވޭނެއެވެ. ޚުދު އަމިއްލަ ނަފްސު ވެސް ނެތިދާނެއެވެ. ވީއިރު މި ދުނިޔޭގައި ދިމާވާ ހިތްހަމަނުޖެހޭ އެތައް ކަމަކީ ކުދި ކުދި ކަންކަމެވެ.

މަޢާފުކުރުމަކީ އިސްލާމް ދީނުގެ ރިވެތި އާދައެކެވެ. އަނެކާއަށް ހިތް ބުރަކޮށް ހުރުމަކީ ޚުދު އަޅުގަނޑަށް ވެސް ފަސޭހަކަމެއް ނޫނެވެ. މާދަމާ ވާނެ ގޮތެއް އެނގޭ އެއްވެސް މީހަކު މިދުނިޔޭގައި ނުވެއެވެ. ނިކަން ވިސްނާލަބަލާށެވެ. މީހަކާ ދޭތެރޭ ހިތް ބުރަކޮށް، ރުޅިވެރިކަން ހަދައިގެން މިއަދު ހުރެވިދާނެއެވެ. މާދަމާވެސް ތިމާ، ނޫނީ އަޅުގަނޑުވެސް މަރުވެދާނެއެވެ. ވަގުތު ފާއިތުވުމުން، ހިތަށް މާ އަސަރުކުރާނެއެވެ. މަޢާފު ނުކުރެވުނީތީ ނޫނީ މަޢާފަށް ނޭދެވުނީތީ އެކަމާ ހިތާމަ ކުރާނެއެވެ.

ދުނިޔޭގައި އުޅޭއިރުގައި މައްސަލަ ޖެހޭނެކަން ގަބޫލު ކުރަމެވެ. އެހެންނަމަވެސް މަޢާފު ކުރުމަކީ މާ އުނދަގޫ ކަމެއް ނޫނެވެ. އަދި ދަންނަވަންތޯއެވެ؟ މަޢާފު ކުރުން އެކަންޏެއް ނޫނެވެ. މަޢާފަށް އެދުން ވެސް މެއެވެ. މި ރީތި ސިފަ އަޅުގަނޑުމެން ކިބައިގައި ހަރުލެވިއްޖިއްޔާ މިއަދު މި ހިނގާ މާރާމާރީއާ، އެކި އެކި ޒާތުގެ ގެއްލުން އެކަކު އަނެކަކަށް ދިނުމަކީ އޮންނާނެ ކަމެއް ނޫނެވެ. މަޢާފަށް އެދުމާއި މަޢާފު ކުރުމަކީ ލަދުގަންނަންވީ ކަމެއް ނޫނެވެ. އެމީހަކީ ތިމާގެ މައިންބަފައިން ނަމަވެސް، ނޫނީ އެންމެ ގާތް ރަޙުމަތްތެރިއެއް ނަމަވެސްމެއެވެ. އަދި ދަންނަވަންތޯއެވެ؟ ތިމާގެ ދަރިއެއް ނަމަވެސް މަޢާފަށް އެދޭ ވަރުގެ ކަމެއް ކުރެވިފައި ވާނަމަ މަޢާފަށް އެދޭށެވެ.

ތިމާ މަޢާފަށް އެދެން ނުވަތަ މަޢާފު ކުރުމަށް ޖެހިލުންވެ ހުއްޓާ ވަގުތު ފާއިތުވެގެން ދާނީ ކޮން އިރަކުން ކަމެއް އެނގޭ އެއްވެސް މީހަކު މި ދުނިޔޭގައި ނޫޅޭނެއެވެ. އެކަން އެންމެ މޮޅަށް ދެނެވޮޑިގެންވާނީ މާތް الله އެވެ. އަޅުގަނޑުމެންގެ މި ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމުން ދިރިއުޅޭ ޤައުމެކެވެ. ވީއިރު އިސްލާމް ދީނުގެ މި ރިވެތި އާދަ އަޅުގަނޑުމެން ކިބައިގައި އަދި ބޮޑުވަމުން އަންނަ ޖީލު ތަކުގައި ހަރުލައްވަން މަސައްކަތް ކުރަމާ ހިނގާށެވެ. ބޮޑެތި މީހުންގެ ކިބައިގައި މި ރިވެތި އާދަ ހަރުލެވިއްޖެ ކަމުގައި ވަނީ ނަމަ ކުޑަކުދިން މިކަން ދަސްކުރާނެކަން ޔަގީނެވެ.

މަޢާފު ކުރާށެވެ. އަދި މަޢާފަށް އެދޭށެވެ. މިކަމަކީ ތިމާގެ ފެންވަރު ދަށްކޮށްލާ ކަމެއް ކަމުގައި ވިސްނޭ މީހުން މަދެއް ނޫނެވެ. އެހެންނަމަވެސް ދަންނަވަންތޯއެވެ؟ މިއީ އަނެކާގެހިތުގައި ތިމާއަށް ޓަކައި ދެވިފައިވާ ޤަދަރު އުފުލޭ ކަމަކެވެ. އަނެކާގެ ހިތްހަމަޖެހި ތިމާއާއި ދޭތެރޭ އުފާ ކުރާނޭ ކަމެކެވެ. ތިމާއާއި ދޭތެރޭ ފަޚުރުވެރި ވާނޭ ކަމެކެވެ. މާދަމާވެސް ދުނިޔޭގައި ނުހުރެދާނެއެވެ. ވަގުތު ފާއިތު ވުމުގެ ކުރިން މަޢާފު ކުރާށެވެ. ނޫނީ މަޢާފަށް އެދޭށެވެ. އަބަދުވެސް ތިމާގެ ހިތް އަނެކާއަށް ޓަކައި ހެޔޮ ކުރާށެވެ. މާތް الله އަޅަމެން މުސްލިމުންނަށް ސާބިތުކަމާއި ހެޔޮ ތަޢުފީޤު ދެއްވާނދޭވެ. އާމީން !

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!