ޚަބަރު

ލުނބޯގެ އަގު ބާޒާރުމަތީ އުޅެނީ 100 ރުފިޔާއިން މަތީގައި!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ލޯކަލް މާރުކޭޓުން މީހަކު ލުނބޯ ގަންނަނީ.. ދެން އިމޭޖްސް/މިންހާ

ރޯދައާ ދިމާކޮށް ލުނބޯ ކިލޯއެއްގެ އަގު ބާޒާރުގައި އުފުލިއްޖެއެވެ.

މިއަދު ލޯކަލް މާރުކޭޓްގެ ގިނަ ގޮޅިތަކުން ލުނބޯ ލިބެން ނެތްއިރު، ހުރި ގޮޅިތަކުގައި ކިލޯއެއް އުޅެނީ 100 ރުފިޔާއިން މަތީގައެވެ. މީގެ މަހެއް ދުވަސް ކުރިން ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 45 ރުފިޔާއަށެވެ. އިއްޔެ ވެސް 90 ރުފިޔާއަށް ލުނބޯ ކިލޯއެއް ލިބުނެވެ.

ކުދި ލުނބޯ ކިލޯއެއްގެ އަގު އުޅެނީ 70 ރުފިޔާ އާއި 90 ރުފިޔާ އާ ދެމެދުގެ އަގެއްގައެވެ.

ލޯކަލް މާރުކޭޓްގައި ލުނބޯ ވިއްކަމުން އަންނަ ވިޔަފާރިވެރިޔަކާ ސުވާލުކޮށްލުމުން ބުނީ، ލުނބޯގެ އަގު އުފުލިފައިވަނީ ޑިމާންޑާއެއްވަރަށް ލުނބޯގެ ޝިޕްމެންޓް ނުލިބުމުން ކަމަށެވެ.

މިދިޔަ އަހަރު ވެސް ރޯދަ ފެށުނުއިރު ލުނބޯ ކިލޯއެއްގެ އަގު ހުރީ ވަރަށް މަތީގައެވެ. އަގު ދަށްވީ ރޯދަ މަހުގެ މެދެއްހާ ހިސާބުގައެވެ.

އެސްޓީއޯއިން ވަނީ ލުނބޯގެ އަގު ދަށްކުރުމަށް އެސްޓީއޯއިން ލުނބޯ ވިއްކަން ތައްޔާރުވަމުންނެވެ. އެސްޓީއޯއިން ލުނބޯ ކިލޯއެއް ވިއްކުމަށް ނިންމާފައިވަނީ 65 ރުފިޔާއަށެވެ. އަދި ރޯދައާ ދިމާކޮށް އެސްޓީއޯއިން ފިޔާ، އަލުވި އަދި ބިހުގެ އަގު އެއްވަރެއްގައި ހިފެހެއްޓުމަށް އެތަކެތި ވެސް އަންނަނީ އަގު ހެޔޮކޮށް ވިއްކަމުންނެވެ. އެސްޓީއޯއިން ފިޔާ ކިލޯއެއް 9ރ. އަށް ލިބޭ އިރު އަލުވި ކިލޯއެއް ވިއްކަނީ 11ރ. އަށެވެ. އަދި ބިހެއް ވިއްކަނީ 1.75ރ. އަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!