ރޮނާލްޑޯ އާއި މެސީ އެއް ޓީމަކަށް ކުޅުން: ގިނަ ބަޔަކު ދެކޭ ހުވަފެނެއް
މިހާތަނަށް ދުނިޔޭގައި އުފެދުނު އެންމެ މޮޅު 2 ކުޅުންތެރިންނަކީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ އާއި އާޖެންޓީނާގެ ލިއޮނަލް މެސީ ކަމާމެދު ޝައްކެތް ނެތެވެ.
ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އަދި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާގެ މަގާމުވެސް އެންމެ ގިނަ ފަހަރަށް ހޯދާފައިވާ 2 ކުޅުންތެރިންނަކީ މިއީއެވެ. ފާއިތުވެދިޔަ 10 އަހަރުގެ ތެރޭގައި ފުޓްބޯޅައިގެ ރަސްކަން ކުރީ މި ދެ ކުޅުންތެރިންނެވެ.
މި ދެކުޅުންތެރިންގެ ފޭނުންގެ މެދުގައި އަބަދުމެ ފޯރިއާއެކު ކުރެވޭ ބަހުސް އެންމެ މޮޅީ ކޮން ކުޅުންތެރިއެއް ތޯއެވެ. ރޮނާލްޑޯގެ ފޭނުން ރޮނާލްޑޯ މޮޅު ކަމަށްބުނެ އެތައް ވާހަކަ ތަކެއް ދައްކާއިރު އެއާ ވިއްދާ މެސީގެ ފޭނުން އެންމެ މޮޅު ކުޅުންތެރިއަކީ މެސީކަން ސާބިތު ކޮށްދިނުމަށް އެތައް ވާހަކަ ތަކެއް ދައްކައެވެ.
ކޮންމެއަކަސް ފުޓްބޯޅައަކީ ވަރަށް ފާޑެއްގެ އެއްޗެކޭ މީހުން ބުނެ އުޅެނީ ސަބަބެއް ނެތިއެއް ނޫނެވެ. މެޗެއްގައި ކިތަންމެ މޮޅަށް ކުޅޭ ޓީމެއް ވެސް ބަލިވެގެންދަނީ މި ސަބަބަށް ޓަކައެވެ. މެޗުގެ އެންމެ ފަހު މިނެޓުގައި ވެސް މެޗުގެ ނަތީޖާ ބަދަލުވަނީ ވެސް މި ދެންނެވި ސަބަބާހުރެއެވެ.
ފުޓްބޯޅައިގައި ހީނުކުރާ ފަދަ ކަންތައްތައް ވާ ބީދައިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެއް ޓީމަކުން ފެނުމަކީ ވެސް ހަމަ ވެދާނެ ކަމެކެވެ. ވާދަވެރި މި ދެކުޅުންތެރިން އެއް ޖާރޒީއެއްގައި ފެނުމަކީ ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ބަަޔަކު ދެކޭނެ ހުވަފެނެއް ކަން ޔަގީނެވެ. ގިނަ ބަޔަކު ވަރަށް “އެކްސައިޓް” ވާނެކަމެއް ކަން ވެސް ގައިމެވެ.
މީގެ ދެތިން ދުވަސް ކުރިން ދުވަހު ދުނިޔޭގެ ބޮޑެތި މީޑިއާތަކުގެ ފަލަ ސުރުހީއަށް އެރި ހަބަރަކީ ޔުވެންޓަސް އިން ބާސެލޯނާއަށް ރޮނާލްޑޯ ވިއްކާލަން އުޅޭ ކަމެވެ. އެތައް ބައެއްގެ ލޯ ތަރަތަރަ ޖަހައިގެން ދިޔަ ނަމަވެސް އެ ހަބަރު ފެނުމުން ގިނަ ބަޔަކު ތަސްވީރު ކުރީ ރޮނާލްޑޯ އާއި މެސީ އެއް ޓީމަކަށް ކުޅެން ފަށައިފިނަމަ ވާނެ ގޮތެވެ. އެ ހިތްގައިމު މަންޒަރު އެތައް ބަޔަކު ސިފަ ކުރި ކަން ޔަގީނެވެ.
ނަމަވެސް ސުވާލަކީ ރޮނާލްޑޯ ބާސެލޯނާއަށް ބަދަލު ވުމުން ދެން ވާނީ ކިހިނެއް ބާވައެވެ. ރޮނާލްޑޯ އާއި ދިމާލަށް އެތައް އެއްޗެއްސެއް ކިޔަމުން ދާބާސެލޯނާގެ ސަޕޯޓަރުން ރޮނާލްޑޯއަށް ތައުރީފް ކުރާކަށް އޭރުން މާ ގިނަ ވަގުތެއް ނުނަގާނެ ކަން ޔަގީނެވެ. އަދި ހަމަ އެހެންމެ ރޮނާލްޑޯ އަކީ ވެސް މޮޅުކުޅުންތެރިއެއްކަން އޭރުން އެމީހުން ގަބޫލު ކުރާނެ ކަން ޔަގީނެވެ.
ބާސެލޯނާގެ ސަޕޯޓަރުން އެކަންޏެއް ނޫނެވެ. ކްރިސްޓިއާނޯ ރޮނާލްޑޯގެ ފޭނުންނަށް ވާނީ ކިހިނެއް ބާވައެވެ. ރޮނާލްޑޯ ރެއާލް މެޑްރިޑުން ޔުވެންޓަސް އަށްބަދަލުވުމުން ރެއާލް މެޑްރިޑްގެ އެތައް ސަޕޯޓަރުންނެއް ޔުވެންޓަސް އަށް ސަޕޯޓް ކުރަން ފެށިއެވެ. ސުވާލަކީ ރޮނާލްޑޯ ބާސެލޯނާއަަށް ބަދަލު ވެއްޖެ ނަމަ އެފޭނުން ބާސެލޯނާއަށް ސަޕޯޓް ކުރާނެ ބާވައެވެ.
މިހުރިހާ ކަމަކީ ވެސް އެއްވެސް މީހަކު ވާނެ ކަމަށް ލަފާކޮށްފައި އޮތް ކަމެއްހެނެއް ހިޔެއް ނުވެއެވެ. އަދި ވާނެ ކަމަށް އަދިވެސް ގިނަ ބަޔަކު ގަބޫލު ނުކުރާކަންކަމެވެ. ނަމަވެސް މިހެން މިކަން ވެއްޖެ ނަމަ ފުޓްބޯޅައިގެ ދުނިޔޭގައި ހީނުކުރާނެ އެތައް ކަމެއް ވާނެ ކަން ޔަގީނެވެ.
ރޮނާލްޑޯ ބާސެލޯނާއަށް ބަދަލު ވާ ކަމުގެ އަޑު ފެތުރެން ފެށުމުން ވެސް ބާސެލޯނާގެ ބައެއް ފޭން ޕޭޖުތަކުން ވަނީ ރޮނާލްޑޯއަށް ވަރަށް ތައުރީފުކޮށް ޕޯސްޓުތައްކޮށްފައެވެ.
ދުނިޔޭގެ ފުޓްބޯޅައިގެ ދެ ރަސްގެފާނުންގެ ގޮތުގައި ގިނަ ބަޔަކު ސިފަ ކުރާ މި ދެ ކުޅުންތެރިންވެސް މިހާރު ވަނީ ކެރިއަރު ނިމުމާއި ގާތް ވެފައެވެ. އެގޮތުން ކްރިސްޓިއާނޯ ރޮނާލްޑޯގެ އުމުރަކީ 35 އަހަރެވެ. އަދި ލިއޮނަލް މެސީގެ އުމުރަކީ 33 އަހަރެވެ. މި ދެ ކުޅުންތެރިންގެ ކެރިއަރުގެ ފަހު ދުވަސްތައް އެއްޓީމެއްގައި ނިންމާލައިފި ނަަމަ ހަމަ ގައިމުވެސް އެ ކަން ވާނީ ތާރީހުގައި ބޮޑު އަކުރުން ލިޔެވޭނެ ހާއްސަ ކަމަކަށެވެ.
ދެ ކުޅުންތެރިންގެ ފޭނުން ކިތަންމެ ވަރަކަށް ބަހުސް ކުރި ނަމަވެސް މި ދެކުޅުންތެރިންގެ ތެރެއިން މިވެނި ކުޅުންތެރިއަކު މޮޅޭ ބުނެވޭ ވަރަށްވުރެ މި ދެކުޅުންތެރިން ވެސް މޮޅެެވެ. އަދި ހަމަ އެހެންމެ ރޮނާލްޑޯ އާއި މެސީގެ “ކޮމްބޯ” އެއް ޓީމަކުން ފެނުން ވާނީ ފުޓުބޯޅައަށް ލޯބި ކުރާ އެތައް ބަޔަކަށް ޝައުގުވެރިވާނެ މަންޒަރަކަށެވެ.
މި ދެކުޅުންތެރިން އެއް ޓީމަކުން ފެނުމުގެ އުއްމީދުގައި ގިނަ ބަޔަކު ތިބި އިރު، މި ދެކުޅުންތެރިން ރިޓައަރ ކުރާ ދުވަސް ވާނީ ހަމަަ ޔަގީނުން ވެސް ފުޓްބޯޅައަށް ލޯބި ކުރާ ހަމަ ކޮންމެ މީހެއްގެ ވެސް ލޮލުން ކަރުނަ ހިލުވާލާނެ ދުވަހަކަށެވެ.