ޚަބަރު

ޕާކިސްތާނާ ރާއްޖޭގެ ގުޅުން ބަދަހި ކުރަން މަޝްވަރާ ކުރައްވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ޕާކިސްތާން ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ހިޒް އެކްސެލެންސީ ވައިސް އެޑްމިރަލް (ރިޓަޔަރޑް) މުޙައްމަދު ފައްޔާޒް ގިލާނީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

Ads by Sosun Fihaara

މި ބައްދަލުކުރެއްވުން އޮތީ، އިއްޔެ މެންދުރުކުރީގައި ރައީސް އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލްއާއި ޕާކިސްތާނުގެ ސަފީރު ވަނީ، ދެޤައުމުގެ ދެމެދުގައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުން ބިނާވެފައި ވަނީ ދެ ޤައުމުގެ ދެމެދުގައިވާ އެއްގޮތް ކަންކަމާއި، ދެ ޤައުމުން ގެންގުޅޭ އެއްކަހަލަ ޤަބޫލުކުރުންތަކާއި އުޞޫލުތަކުގެ މައްޗަށްކަމުގައި ވިދާޅުވެފައެވެ.

އަދި ދެބޭފުޅުން ވަނީ ދެ ޤައުމުގެ މި ގުޅުން އިތުރަށް ބަދަހިކުރެއްވުމާއި ބެހޭގޮތުން ވެސް މަޝްވަރާކުރައްވާފައެވެ. މިގޮތުން ރާއްޖެއާއި ޕާކިސްތާނާ ދެޤައުމުގެ ދެމެދުގައި ސީދާ ވައިގެ ދަތުރުފަތުރުގެ ގުޅުން ޤާއިމްކުރުމާއި، ފަތުރުވެރިކަމާއި ސަޤާފީ ދާއިރާއިންނާއި، ކުޅިވަރުގެ ދާއިރާއިންނާއި، ތަމްރީނާއި ތަޢުލީމްގެ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރެއްވެވިއެވެ.

ހަމަ އެއާއެކު ދެ ޤައުމުގެ ދެމެދުގައި މަޝްވާރާތައް ކުރަމުންދާ އެމް.އޯ.ޔޫތައް އަވަހަށް ނިންމުމަށްވެސް މި ބައްދަލުކުރެއްވުމުގައި އެ ދެބޭފުޅުން މަޝްވަރާކުރެއްވެވިއެވެ.

މި ބައްދަލުވުމުގައި ނައިބު ރައީސް ވަނީ ޕާކިސްތާނުގެ ސަފީރުގެ އަރިހުން މިދިޔަ އަހަރު އެޤައުމަށް ކުރިމަތިވި ފެންބޮޑުވުމުގެ ޙާލަތު އޮޅުންފިލުއްވާފައެވެ.

އަދި މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޕާކިސްތާނުގެ ސަފީރު ދެއްކެވި ވާހަކަފުޅުގައި، ކުރިއަށް އޮތް ތާނގައިވެސް ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ޝައުޤުވެރިކަން ފާޅުކުރެއްވެވިއެވެ.

ދިވެހިރާއްޖެއިން ޕާކިސްތާނާ ސިޔާސީ ގުޅުން ޤާއިމްކޮށްފައިވަނީ 1966 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!