ޚަބަރު ރައްޔިތުންގެ މަޖިލިސް

ފެނަކަ ކުންފުނީގެ ދަރަނި ފިލުވަން އޮތް ގޮތަކީ މެޑިކަލް މެރުއާނާ އިންދުން: ޖާބިރު

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ފެނަކަ ކުންފުނީގެ ދަރަނި ފިލުވުމަށް އޮތްގޮތަކީ އެކުންފުނީގެ ގޯތިތެރޭގައި މެޑިކަލް މެރުއާނާ އިންދުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަދައްކަމުން ޖާބިރު ވިދާޅުވީ މެޑިކަލް މެރުއާނާ އިންދައިގެން ފައިނޭންސްކޮށްގެން ރައްޔިތުންނަށް ހިލޭ ފެނާއި ނަރުދަމާ ފޯރުކޮށްދެވޭނެކަމަށެވެ.

"ފެނަކަ ގޯތި ތެރޭގައި މެޑިކަލް މެރުއާނާ އިންދީމަ ފައިނޭންސްވާނެ ސެލްފް ފައިނޭންސް ވެގެންދާނެ. ދެހާސް އަކަފޫޓު ވާޓިކަލްކޮށް މައްޗަށް ނެގީމަ ނިމުނީ މެޑިކަލް މެރުއާނާ ހުއްދަ ކުރީމަ ފެނަކައަށް ފައިނޭންސް ވެގެންދާނެ. ހިލޭ ފެނާއި ނަރުދަމާ ދެވޭނެ ސްޓެލްކޯގެ ހުރިހާ އިމާރާތެއްގެ އެތެރޭގައި މެޑިކަލް މެރުއާނާ އިންދަންވީ އިންދާފަ އެކްސްޕޯޓް ކޮލިޓީއާއި ރާއްޖެއަށް ބޭނުން ކޮލިޓީ ބަހައްޓާށޭ އޭޜުން ތެޔޮ ގަންނަ ލާރި މެޑިކަލް މެރުއާނާ އިން ޕްރޮޑިއުސް ކުރާނެ ފައިސާ ލިބޭނެ ގޮތެކޭ އަޅުގަނޑު މިބުނީ" ޖާބިރު ވިދާޅުވިއެވެ.

ޖާބިރު މިހެން ވިދާޅުވީ ފެނަކަ ކުންފުނީގެ ދަރަނީގެ ގިނަ މައްސަލަތަކެއް ފެންމަތިވެ އެކަން މަޖިލީހުގެ ސަމާލުކަމަށް އައިސްފައިވަނިކޮށެވެ. މިގޮތުން ދާދިފަހުނ އެސްޓީއޯއަށް ދައްކަން ޖެހޭ 1.8 ބިލިއަން ރުފިޔާ ނުދައްކާތީ އެސްޓީއޯއިންވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށްފައެވެ.

އަދި އެފައިސާ ނުލިބޭތީ އެސްޓީއޯއަށް ބޮޑެތި ދަތިތަކާއި ކުރިމަތިލާން ޖެހިފައިވާކަމަށް އެސްޓީއޯ އިން ވަނީ ބުނެފައިވެއެވެ. 2021 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން އެސްޓީއޯ އިން ފެނަކަ ކުންފުންޏަށް ވިއްކާފައިވާ ތެލަށް އެއްވެސް ފައިސާއެއް ނުދައްކާކަމަށް އެސްޓީއޯއިން ވަނީ ބުނެފައެވެ. މީގެ އިތުރުން އެކުންފުނިން އަމިއްލަ ކުންފުނިތަކަށް ދައްކަން ޖެހޭ ގިނަ އަދަދެއްގެ ފައިސާ ނުދައްކާތީ އެފަރާތްތަކުން އިއްޔެވަނީ ފެނަކަ އޮފީސް ދޮރުމަތީ އިހްތިޖާޖްވެސް ކޮށްފައެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!