ފުއްގިރި މައްސަލަ: ހައިކޯޓުގައި ރައީސް ޔާމީނަށް ނާކާމިޔާބުވެއްޖެ

ރ. ފުއްގިރި ވިއްކާލައިގެން ރިޝްވަތުގެ ގޮތުގައި ފައިސާ ހޯދައި، އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ދައުލަތުން ދައުވާ ކުރަމުންގެންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ފަރާތުން ދަށު ކޯޓަށް ހުށަހެޅި ހެކިތަކެއް ބަަލައިނުގަތުމަށް އެ ކޯޓުން ނިންމި މައްސަލައިގައި ހައިކޯޓުގައި އިސްތިއުނާފު ކުރި މައްސަލަ ރައީސް ޔާމީނަށް ނާކާމިޔާބުވެއްޖެއެވެ.
ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ކުރާ ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ކްރިމިނަލް ކޯޓުން ނިންމި ބައެއް ނިންމުންތައް ޔާމީންގެ ފަރާތްޕުޅުން އިސްތިއުނާފްކުރިއެވެ.
އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އަބްދުﷲ ޒިޔަތު ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް ހުށަހެޅި ހުށަހެޅުމާއި ބައެއް ލިޔުންތައް ހޯދަން ހުށަހެޅި ހުށަހެޅުންތަކެކެވެ.
ހައި ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ނިންމުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. އެގޮތަށް ރައުޔު ނެރުއްވީ ފަނޑިޔާރު ދީބާނާޒް ފަހުމީ އާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ.
އެ މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ހަސަން ޝަފީއުގެ ރައުޔަކީ އަދީބާއި ޒިޔަތުގެ ހެކި ބަލައިގަތުމާ މެދު އަލުން ކްރިމިނަލް ކޯޓުން ގޮތެއް ނިންމަން ޖެހޭނެ ކަމަށެވެ. ނަމަވެސް ލިޔުންތައް ހޯދަން އެދުނު މައްސަލާގައި ދަށު ކޯޓުގެ ނިންމުން ދަމަހައްޓަން ޖެހޭ ކަމަށް އޭނާގެ ރައުޔުގައިވެއެވެ.
އެ މައްސަލަ ނިމެންދެން ފުއްގިރި މައްސަލާގެ ޝަރީއަތް މަޑުޖައްސާލަން ހައި ކޯޓުން ކުރިން އޮތީ އަންގައިފައެވެ. އެކަމަކު މިއަދު އެ މައްސަލަ ނިމުމާ އެކު ފުއްގިރި މައްސަލަ ކްރިމިނަލް ކޯޓުން އަލުން ކުރިއަށް ގެންދެވޭނެއެވެ.
ޢެމްޑީޕީ ޕަޕެޓް ދީބާ
ސޯލިހުގެ ޕަޕެޓް ނޫހަކަށް ނޭނގުނެއްނު ވީ ނުވީއެއް