ކުޅިވަރު

15 އަހަރަށްފަހު، ރޮނާލްޑޯ ނުވަތަ މެސީ ނުލައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ދެ ކުޅުންތެރިން ކަމުގައިވާ ލިއޮނަލް މެސީ އާއި ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައި އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއް ކުޅެފައިވަނީ  2004-05 ގެ ސީޒަނުގައެވެ.

Ads by Sosun Fihaara

އެ ސީޒަނަަށްފަހު ކޮންމެ އަހަރަކުވެސް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ރޮނާލްޑޯ ނުވަތަ މެސީ، މި ދެ ކުޅުންތެރިންކުރެ ކޮންމެވެސް އެއްކުޅުންތެރިއެއް ވަނީ ފެނިގެން ގޮސްފައެވެ.

ފާއިތުވެދިޔަ 15 އަހަރުގެ ތެރޭގައި ރޮނާލްޑޯ ނުވަތަ މެސީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފެނިގެން ގޮސްފައިވީ ނަމަވެސް މިއަހަރު ދިމާވެފައި މިވަނީ ވަރަށް ވެސް ހިތާމަވެރި ގޮތެކެވެ.

ރޮނާލްޑޯ މިހާރު ކުޅޭ އިޓަލީގެ ކުލަބް ކަމުގައިވާ ޔުވެންޓަސް ވަނީ މުބާރާތުގެ ގަދަ 16 އިން މުބާރާތާއި އަލްވަދާއު ކިޔާފައެވެ. އަދި ލިއޮނަލް މެސީ ކުޅޭ ސްޕެއިންގެ ބާސެލޯނާ ވަނީ ބޮޑުތަފާތަކުން ރޭ ބަޔާން އަތުން ބަލިވެ މުބާރާތުން ކަޓައިފިއެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ 5 ފަހަަރަށް ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ. އަދި ލިއޮނަލް މެސީ ވަނީ 4 ފަހަރެއްގައި ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލާފައެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހުގައި އެންމެ ގިނަ ގޯލް ޖެހި 2 ކުޅުންތެރިންނަކީ ވެސް ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީ އެވެ. މި ލިސްޓުގެއެއްވަނައިގައި ކްރިސްޓިއާނޯ ރޮނާލްޑޯ  އޮތީ 129 ގޯލާއެކު އެވެ. އަދި ލިސްޓުގެ ދެވަނައިގައި ލިއޮނަލް މެސީ އޮތީ 114 ގޯލާއެކުގައެވެ.

ޗެމްޕިއަންސް ލީގުގެ ތާރީހަށް ބަލާއިރު އެންމެ ކާމިޔާބު ކުޅުންތެރިއަކީ މެންޗެސްޓަރ ޔުނައިޓެޑާއެކު އެއްފަހަރު އަދި ރިއާލްމެޑްރިޑާއެކު 4 ފަހަރު މުބާރާތް ކާމިޔާބުކުރި ކްރިސްޓިއާނޯ ރޮނާލްޑޯއެވެއެންމެ ކާމިޔާބު ކުލަބަކީ ސްޕެއިންގެ ރިއާލް މެޑްރިޑް އެވެ. ރިއާލް މެޑްރިޑުން 13 ފަހަރުވަނީ މި ތަށި ކާމިޔާބުކޮށްފައެވެ.

ރޮނާލްޑޯ ނުވަތަ މެސީ މި އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ނުފެނުމަކީ ފުޓްބޯޅައަށް ލޯބި ކުރާ ގިނަ ބަޔަކަށް ހިތާމަވެރި ހަބަރެކެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!