ޝާޒް ގޮނޑި ކާމިޔާބުކުރީ މެޖޯރިޓީ ވޯޓު ހޯއްދަވައިގެން!

މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ ކެންޑިޑޭޓް އިބްރާޙިމް ޝާޒް އެގޮނޑި ކާމިޔާބު ކުރެއްވީ، ދާއިރާގެ މެޖޯރިޓީ ވޯޓު ހޯއްދަވައިގެން ކަމަށް އެންމެ ފަހުން އާއްމު ކުރި މަޢުލޫމާތު ތަކުން ދައްކައިފިއެވެ.
މިއަދު ބޭއްވި އިންތިޚާބުގައި ޖުމްލަ 6 ވޯޓު ފޮއްޓެއް ބަހައްޓާފައިވާއިރު، އެންމެ ވޯޓު ފޮއްޓެއް ފިޔަވައި ހުރިހައި ވޯޓު ފޮއްޓެއްގެ މެޖޯރިޓީ ވޯޓު ކާމިޔާބު ކުރައްވާފައިވަނީ ޝާޒެވެ. މި އިންތިޚާބުގައި ޝާޒަށް ލިބުނު ވޯޓުތަކުގެ ޖުމްލަ އިންސައްތަ 50.36 އެކެވެ.
ޝާޒާއި އެންމެ ގާތުން ވާދަ ކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓު ހުސައިން ރިޒާއަށް ލިބިފައިވަނީ 45.87 އިންސައްތަ ވޯޓެވެ.
މި އިންތިޚާބުގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ.
އެގޮތުން ކެންޑިޑޭޓް ނަމްބަރު އެކެއް ލިބުނީ ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާ އެ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ރިޒާގެ ކޮއްކޮ، ޙުސައިން ރިޒާ އަށެވެ. ކެންޑިޑޭޓް ނަމްބަރު ދޭއް ލިބުނީ އެމްޑީޕީގެ ޓިކެޓުގައި ވާކުރައްވާ އިބްރާހީމް ޝާޒް އަށް ކަމަށްވާއިރު ކެންޑިޑޭޓް ނަމްބަރު ތިނެއް ލިބުނީ އެމްއެންޕީން ވާދަކުރާ އަލީ އާރިފަށެވެ.