ޚަބަރު

އިޓްލޮސްގެ ނިންމެވުން ނިންމެވުމުގެ ކުރިން ދައުލަތުގެ ސްޓޭންޑް ބަދަލުކުރެއްވުމަށް އެމްއެންޕީއިން ގޮވާލައިފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ދިވެހިރާއްޖެއާއި ޗާގޮސްގެ ޖަޒީރާތަކާ ދެމެދު އޮތް ކަނޑުގެ ސަރަޙައްދު ބަހާލުމަށް މޮރިޝަސްގެ ދައުލަތުން ދިވެހި ދައުލަތުގެ މައްޗަށް، އިޓްލޮސްއަށް ހުށައަޅާފައިވާ މައްސަލައިގައި އަންނަ ހުކުރު ދުވަހު ގޮތް ނިންމުމުގެ ކުރިން ދިވެހި ސަރުކާރުގެ ސްޓޭންޑް ބަދަލުކުރުމަށް މޯލްޑިވްސް ނޭޝަނަލް ޕާޓީއިން ގޮވާލައިފިއެވެ.

Ads by Sosun Fihaara

އެމްއެންޕީ އިން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނީ ޓްރައިބިޔުނަލްގައި ދިވެހި ސަރުކާރުން 20 އޮކްޓޯބަރު 2022 ގައި ނަންގަވާފައިވާ ޕޮޒިޝަންގެ ސަބަބުން، ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް ގެއްލުމުގެ ފުރުޞަތު ބޮޑުކަމަށް ރާއްޖޭގެ ޤާނޫނީ ހުރިހާ ވަކީލުންހެން، ޚާއްޞަގޮތެއްގައި ދައުލަތުގެ ބަންޑާރަނާއިބުކަން ކުރައްވާފައިވާ ހުރިހާ ބޭފުޅުންހެންވެސް، ވިދާޅުވަމުން ގެންދަވާތީ އެކަން ފާހަގަކުރަމުން، މިމައްސަލައިގައި ޓްރައިބިޔުނަލްގައި ދިވެހި ސަރުކާރުން ނަންގަވާފައިވާ ޕޮޒިޝަން ކުށްވެރިކުރާކަމަށެވެ. އަދި 28 އޭޕްރީލް 2023 ވާ ހުކުރުދުވަހު، އިޓްލޮސް ގެ ނިންމެވުން ނިންމެވުމުގެ ކުރިން ދައުލަތުގެ ސްޓޭންޑް ބަދަލުކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ގޮވާލާކަމަށްވެސް މިނޫސް ބަޔާނުގައި ބުނެފައިވެއެވެ.

މިމައްސަލަގައި ފާހަގަކުރެވޭ މުހިންމު ނުކުތާތަކާއެކު އެމްއެންޕީން ނެރުނު ނޫސްބަޔާނުގައި ބުނެފައިވަނީ (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާ ބެހޭ ޤާނޫނު) ގެ 6 ވަނަ މާއްދާގައި ރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ 200 ނޯޓިކަލް މޭލުގެ ކަނޑުގެ ސަރަޙައްދާއި، ދިވެހިރާއްޖޭގެ ސަރަޙައްދީ ކަނޑުގެ ބޭރަށް އޮންނަ ސަރަޙައްދާއި، އެ ސަރަޙައްދުގެ ކަނޑުއަޑީގައިވާ ފަސްގަނޑަކީ "ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު" ކަމުގައި ވަނީ ކަނޑައަޅާފައިކަމަށާއި ގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކޮށް އަދި ތަޞްދީޤުކޮށް، އެ މުޢާހަދާގެ ދަށުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކުގެ ޗާޓުތައް އ.ދ. އަށް ހުށަހަޅައި ޑިޕޮސިޓްކޮށް، ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުތަކާބެހޭ ޤާނޫނުގެ 6 ވަނަ މާއްދާއިން ކަނޑައަޅާފައިވާ ދިވެހިރާއްޖޭގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދު (އާކިޕެލަޖިކް ބޭސްލައިނުން ފެށިގެން، 200 ނޯޓީކަލް މޭލު ގެ ސަރަޙައްދު) ވަނީ ހަމައަށް ދިވެހިރާއްޖެއިން ލިބިގަނެފައިކަން ވަނީ ފާހަގަކޮށްފައެވެ.

އަދި ހަމައެހެންމެ ހާރު ބައިނަލްއަޤުވާމީ ޓްރައިބިއުނަލްގައި ހިނގަމުންދާ މައްސަލާގައި، ދިވެހި ސަރުކާރުން ނަގާފައިވާ ސްޓޭންޑަކީ، 1994 އިން ފެށިގެން މިމައްސަލާގައި ދިވެހިރާއްޖެއިން ގެންގުޅެފައިވާ އަދި ޤާނޫނު ނަންބަރު 96/6 (ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ ޤާނޫނު) ގެ 6 ވަނަ މާއްދާއިން ކަނޑައަޅައި އަދި ބައިނަލްއަޤުވާމީ ކަނޑުގެ މުއާހަދާގެ ދަށުން، ދިވެހިރާއްޖެއިން އ.ދ ގައި ޗާޓުތައް ޑިޕޮސިޓްކޮށް ދިވެހިރާއްޖެއިން ލިބިގަނެފައިވާ 200 ނޯޓިކަލް މޭލުގެ ޚާއްޞަ އިޤްތިޞާދީ ސަރަޙައްދުން ބޮޑުބައެއް އުނިވާނެ ސްޓޭންޑެއްކަމަށް މިނޫސްބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ޚާއްޞަ އިޤުތިޞާދީ ސަރަޙައްދުގައި ހިމެނޭ ކަނޑުގެ ސަރަޙައްދަކީ ދެކުނުގެ މަސްވެރިން، ޚާއްޞަގޮތެއްގައި އައްޑުއަތޮޅުގެ މަސްވެރިންގެ މަސްވެރިކަމަށް ވަރަށް މުހިންމު ސަރަޙައްދަކަށްވުމާއެކު، އެ ސަރަޙައްދު އެހެން ބަޔަކަށް ދޫކޮށްލުމަށް އެއްބަސްވުމަކީ ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ޞިނާޢަތަށް އަދި އެ ސަރަޙައްދުން މަސްވެރިކަންކުރާ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުމަކަށްވާނެއެވެ. ޚިލާފު އުފެދިގެންދާނެ ސަރަޙައްދަށް ބަލާއިރު އެއީ މަސްވެރިކަން ތިޔާގި ސަރަޙައްދަކަށްވުމާއި، ދިވެހިރާއްޖެއިން އެކްސްޕޯޓްކުރާ ބާވަތްތަކުގެ ނިސްބަތަށް ބަލާއިރު %92 ހިއްސާކުރަނީ މަހުގެ ބާވަތްތައް ކަމަށްވާތީ، އެސަރަހައްދުން ބައެއް ދިވެހިރާއްޖޭގެ ހިޔާޒަތުން ދޫވުމަކީ ރާއްޖޭގެ އިޤުތިޞާދަށާއި މަސްލަހަތަށް ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށާއި މޮރިޝަސްއަކީ ކަނޑުގެ ސަރަޙައްދުން ދާއަޅައިގެން މަސްވެރިކަން ކުރުމަށް ޤައުމުތަކަށް ލައިސަންސް ދިނުމުގެ ސިޔާސަތެއް ގެންގުޅޭ ޤައުމަކަށްވެފައި، މީގެ އިތުރުން، ޗާގޯސްގެ ރަށްތަކަކީ އިންސާނުން އާބާދުވެ އާބާދީއެއްގެ ސިފައިގައި ނުވަތަ ޤައުމެއްގެ ސިފައިގައި ހިނގަމުން އަންނަ "ޤައުމަކަށް" ނުވާހިނދު، މި ސަރަޙައްދުގައި ދާއަޅައިގެން މަސްވެރިކަން ކުރުމަކީ އެ ސަރަޙައްދު ލިބިއްޖެނަމަ މޮރިޝަސް އިން ކުރުން އެކަށޭނަކަމެއް ކަމަށް ޤަބޫލުކުރަންޖެހޭ ކަމަކަށްވާއިރު، މިކަމުން ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތަށް އަދި ޚާއްޞަކޮށް ދެކުނުގެ މަސްވެރިންނަށް ފޫނުބެއްދޭވަރުގެ ގެއްލުންވާނެކަމަށް މިނޫސްބަޔާނުގައިވަނީ ބުނެފައެވެ.

Ads by Allied Insurance
  1. މަރީ

    ނާޒިމް އާއި އެމްއެންޕީގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރުމް މިކަމާ ދެކޮޅަށް މަސައްކަތް ކުރާތާ ކިތައްދުވަސް ވެއްޖެ.
    ބާކީ އޮތީ އެޕްރިލް 28 ގެ ނިޔަލައް މިމައްސަލަ އަންބުރާލެވޭތޯ ބެލުން.