ކެޔޮދޫ މިސްކިތަށް ގެއްލުން ދިން މީހާ، ޝަރީޢަތް ނިމެންދެން ބަންދު!

ވ.ކެޔޮދޫ މިސްކިތަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި، އުމުރުން 27 އަހަރުގެ ފިރިހެން މީހާ ޝަރީޢަތް ނިމެންދެން ބަންދު ކުރުމަށް ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން އަމުރު ކޮށްފިއެވެ.
އޭނާ ބަންދާ މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކެޔޮދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ ޝަރީޢަތް ނިމެންދެން މި މީހާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
އޭނާ ބަންދުކޮށްފައި ހުރީ މަހިބަދޫ ފުލުހުންގެ ކަސްޓޯޑިއަލްގައެވެ.
ކެޔޮދޫ އިން ވާހަކަ ދެއްކި މީހަކު ބުނީ އެމީހާ މިސްކިތަށް ތަކުރާރުކޮށް ގެއްލުންދެމުން ދިޔައިރު، ފުލުހުންނަށް އޭނާ އަރު ނުވުމުން، އެމީހާ ހޯދައި ފުލުހުންނާ ހަވާލުކުރީ ކެޔޮދޫގެ ރައްޔިތުން ނުކުމެ ކަމަށެވެ.
އެ މީހާ މީގެ ދެ ދުވަސް ކުރިން ފުރަތަމަ ގެއްލުން ދިނީ މިސްކިތުގައި ހުރި މުޞްޙަފުތަކަކަށެވެ. ދެ ފަހަރެއްގެ މަތީން މުޞްޙަފުތައް ވެެސް އޭނާ ވަނީ ވީދައިލައިފައެވެ.