ތިލަމާލެ ބްރިޖް ކަނޑުއޮޅިން ދަތުރުކުރާ ނަމަ ލައިސަންސް ހިފަހައްޓާނެ
ތިލަމާލެެ ބްރިޖް މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ދެމެދުގައި އޮންނަ ކަނޑުއޮޅިން ދަތުރު ނުކުރަން ޓްރާންސްޕޯޓް މިނިސްޓްރީން އެދިއްޖެއެވެ.
ޓްރާންސްޕޯޓުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ މާލެ-ތިލަފުށި ލިންކްގެ މަޝްރޫޢުގެ މަސައްކަތްތަކުގެ ތެރެއިން މާލެ އާއި ވިލިމާލެ އަދި ވިލިމާލެ-ގުޅީފަޅު ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފައިވީ ނަމަވެސް މިހާރަކަށް އައިސް ގިނަ އުޅަނދުތަކުން އެ ކަނޑުއޮޅި ބޭނުންކުރަމުންދާކަމުގެ ޝަކުވާ ލިބެމުންދާ ކަމަށެވެ.
އަދި ވިލިމާލެ ބުރިޖު އެޅުމުގެ މަސައްކަތްތައް ކުރިއަށްދާ ވަގުތުތަކުގައި މި ކަނޑުއޮޅިން ދަތުރުފަތުރު ކުރުމަކީ ރައްކާތެރިކަމަކަށްނުވާތީ މާލެއާއި ވިލިމާލެއާއި ދެމެދުގައި އޮންނަ ކަނޑުއޮޅި ބަންދުކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން ދެކުނުގެ އަތޮޅުތަކުން ގާދޫކޯ ހުރަސްކޮށް ދަތުރު ކުރާ އުޅަނދުފަހަރަށް، މާލެއާއި ހުޅުމާލެއާއި ދެމެދު ގާއިމްކޮށްފައިވާ ބްރިޖް ސަރަހައްދުން ދަތުރުކުރުމަށް އެ ސަރަހައްދު އާއްމުކޮށް ހުޅުވާލާފައިވާ ކަމަށާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ދުއްވާ ލޯކަލް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސާބެހޭ ގަވާއިދުގެ ދަށުން ކަނޑުގެ ވަކި ސަރަހައްދަކަށް ވަނުން މަނާކޮށްފައިވާ ސަރަހައްދަކަށް ވަދެފިނަމަ އެ ފަރާތެއްގެ ލައިސަންސް މަސްދުވަހަށް ހިފެހެއްޓޭނެ ކަމަށްވެސް މިނިސްޓްރީން ވިދާޅުވިއެވެ.