ޚަބަރު

ސްޓޫޑެންޓް ލޯނަށް، ބިލިއަނަކަށްވުރެ ގިނަ ރުފިޔާ!

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ސްޓޫޑެންޓް ލޯނަށް ސަރުކާރުން ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެމަނިކުފާނު މިފަދައިން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާގެ ޚަައްސަ ސްކޮލާޝިޕާއި ހައި އެޗީވާސް ސްކޮލާޝިޕް ހަވާލުކުރުމަށް، ރޭ ބޭއްވި ޖަލްސާ ޝަރަފުވެރި ކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ދާޅުވީ މަތީ ތަޢުލީމާއި ތަމްރީނުގެ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު 2019 ވަނަ އަހަރުން ފެށިގެން މިހައިތަނަށް ހަ ފަހަރު ހުޅުވާލެވުނު ކަމަށެވެ.

އެ ފުރުސަތުތަކުގައި ކުރިމަތިލި 1،986 ދަރިވަރަކަށް ލޯނުގެ އެހީ ދީފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"ސްޓޫޑެންޓް ލޯނު ސްކީމަށް އަޅުގަނޑުމެން ގެނައި ބަދަލުތަކުގެ ދަށުން، ލޯނު އެހީގެ ގޮތުގައި މިހާތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ދައުލަތުގެ ބަޖެޓުން ޚަރަދު ކުރެވިއްޖެ،" ރައީސް ވިދާޅުވިއެވެ.

ލޯނުގެ އެހީ ދެވުނު 1،986 ދަރިވަރުންގެ ތެރެއިން ބައެއް ދަރިވަރުން ކިޔެވުން މިހާރު ނިމިފައިވާއިރު ލޯނުގެ އެހީގައި މިހާރުވެސް 831 ދަރިވަރުން ކިޔަވަމުންދާކަން ފާހަގަކުރައްވައި، ރައީސް ވަނީ، ލޯނުގެ އެހީ ލިބުނު ބައެއް ދަރިވަރުން ތިބީ ކިޔެވުން ފަށަން ތައްޔާރުވެފައި ކަމަށް ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ މި އަހަރު ހުޅުވައިލި ލޯނުގެ ފުރުސަތުތަކަށް 1،507 ދަރިވަރުން ކުރިމަތިލައިފައިވާ ކަމަށާއި އެ ކުދިންގެ ހުށަހެޅުންތައް ވަޒަންކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!