ޚަބަރު

ޝަރީފާ ދެކޮޅަށް ނަޝީދު ކުރެއްވި އަބުރުގެ ދައުވާ އަނބުރާ ގެންގޮސްފި

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެންބަރު އިބްރާހީމް ޝަރީފްއާ ދެކޮޅަށް ސިވިލް ކޯޓަށް ހުށަހެޅި ދައުވާ އަނބުރާ ގެންދަވައިފިއެވެ.

Ads by Sosun Fihaara

މިދިިޔަ 25 ނޮވެމްބަރުގައި ޝަރީފް ކުރެއްވި ޓްވީީޓް ތަކެއްގައި ވިދާޅުވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަން ވައްޓާލަން 50 މީހަކު މަރާލައި އެ މަރުތައް މައުމޫނުގެ އިސްތަށިފުޅުގައި އަޅުވަން، އޭރު އިދިކޮޅު ލީޑަރަކަށް ހުންނެވި ނަޝީދު ރޭއްވެވި ކަމަށާއިި އެ އަނިޔާވެރި އަމަލު ހުއްޓުވަން އެމްޑީޕީގެ އޭރުގެ ޕާލިމެންޓަރީ ގުރޫޕުން ގަރާރެއް ފާސްކުރި ކަމަށެވެ.

ޝަރީފްގެ ޓްވީޓްގެ ސަބަބުން ލިބުނު ގެއްލުމާ ގުޅިގެން ބަދަލުގެ ގޮތުގައި 10 މިލިއަން ރުފިޔާ ނަގައިދިނުމަށް ނަޝީދުގެ ދައުވާގައި އެދިވަޑައިގެންފައިވެއެވެ. މި މައްސަލަ ސިވިލް ކޯޓަށް ހުށަހެޅިކަން ނަޝީދުގެ ފަރާތްޕުޅުން ލޯފާމެއް ކަމަށްވާ ލިޓިޖެންޓްސް އިން ހާމަ ކުރީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުއެވެ. އެ ދައުވާގައި އެދިފައިވަނީ ބަދަލުގެ ގޮތުގައި ޝަރީފް އަތުން 10 މިލިއަން ރުފިޔާ ނަގައިދިނުމަށެވެ.

ސިވިލް ކޯޓުގެ ހުމުގައިވާ ގޮތުން ދައުވާ އަނބުރާ ގެންދަވަން ބޭނުންވާ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވެފައި ވަނީ މި މައްސަލަ މިހާރު ކުރިއަށް ގެންދަން ބޭނުން ނުވުމެވެ. އެހެންވެ ދައުވާ އަނބުރާ ގެންދިއުމާ މެދު، ދައުވާ ލިބޭ ފަރާތުގެ އިތުރާޒެއް އޮތްތޯ ބެލުމަށް ގާނޫނުގައި ދޭ 28 ދުވަހުގެ މުއްދަތު ފަހަނަޅައި ދިޔައިރު ވެސް ޝަރީފްގެ އެއްވެސް ހުށަހެޅުމެއް ލިބިފައިނުވާ ކަމަށް ހުކުމުގައިވެ އެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!