އުރުދުޣާން އައު ދައުރަކަށް ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގައި ނައިބު ރައީީސް ބައިވެރިވެވަޑައިގެންފި
ތުރުކީވިލާތުގެ ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވެރިކަމުގެ އައު ދައުރަކަށް ހުވާކުރެއްވުމުގެ ރަސްމިއްޔާތުގައި، ނައިބު ރައީސް ފައިޞަލް ނަސީމް، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގެންފިއެވެ.
މިރަސްމިއްޔާތު އޮތީ، ތުރުކީވިލާތުގެ ވެރިރަށް އަންކާރާގައި ހުންނަ ރިޔާސީގަނޑުވަރު އެކުވެނީގައެވެ.
ތުރުކީގައި 28 މެއި 2023 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި، ރައީސް ރަޖަބް ޠައްޔިބް އުރްދުޣާން ވަނީ އެމަނިކުފާނުގެ ވެރިކަމުގެ ތިންވަނަ ދައުރެއް ކަށަވަރުކުރައްވާފައެވެ.
ވެރިކަމުގެ އައު ދައުރަށް ރަޖަބް ޠައްޔިބް އުރްދުޣާން ހުވާކުރެއްވުމުގެ މިރަސްމިއްޔާތުގައި، ދުނިޔޭގެ ޤައުމުތަކުގެ ލީޑަރުންނާއި ސަރުކާރުތަކުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
އަދި މިރަސްމިއްޔާތަށް ވަޑައިގެންނެވި ޤައުމުތަކުގެ އިސްވެރިންނާއި ވަފުދުތަކުގެ ޝަރަފްގައި ތުރުކީވިލާތުގެ ރައީސް ދެއްވާ ރޭގަނޑުގެ ފަރިއްކޮޅެއްގައި ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައިވެރިވެވަޑައިގަންނަވާނެއެވެ.
ދިވެހިރާއްޖެއިން ތުރުކީވިލާތާއި އެކު ސިޔާސީގުޅުން ޤާއިމްކޮށްފައި ވަނީ، 28 މޭ 1979 ގައެވެ.