އީވާގެ އިތުބާރުގެ މައްސަލަ މުއްދަތެއް ނެތްގޮތަށް ފަސްވެއްޖެ

ރައްޔިތުންގެ މަޖިލީހަށް ހުށައެޅި އަންނަ އާދިއްތަ ދުވަހަށް އެޖެންޑާކޮށްފައިވާ އެމަޖިލީހުގެ ނައިބު ރައީސާ އީވާ އަބްދުﷲގެ އިތުބާރުގެ މައްސަލަ މުއްދަތެއް ނެތްގޮތަށް ފަސްވެއްޖެއެވެ.
އީވާގެ މައްސަލަ ފަސްވެފައިވަނީ ދާއިމީ ކޮމިޓީތައް އަލުން އެކުލަވާލާ ނުނިންމޭތީ ކަމަށް މަޖިލީހުން ވަނީ ބުނެފައެވެ. މަޖިލީހުން ބުނިގޮތުގައި އީވާގެ މައްސަލަ އެޖެންޑާނުކުރަން ނިންމީ މަޖިލިހުގައި ސިޔާސީ ޕާޓީތަކުގެ ދަފްތަރާއި އެއްވެސް ޕާޓީއަކަށް ނިސްބަތް ނުވާ މެމްބަރުންގެ އަދަދަށް އައި ބަދަލަށް ފަހު ދާއިމީ ކޮމިޓީތަކުގައި މެމްބަރުން ދެން ތިބޭނެ ގޮތް އަދިވެސް ފާސްނުވާތީ ކަމަށެވެ.
މަޖިލީހުން އިތުރަށް ބުނިގޮތުގައި ދެން މިމައްސަލަ އެޖެންޑާ ކުރެވޭނެ ތާރީހެއް އިއުލާނުކުރާނީ މަޖިލިހުގެ ގަވާއިދުގައިވާ ގޮތުގެ މަތިން، މިމައްސަލައާއި ގުޅިގެން ބަަހުސް ކުރުމުގެ ވަގުތު ކަނޑައަޅައި ނިމުމުންނެވެ
ރައްޔިތުންގެ މަޖިލިހުގެ ނައިބު ރައީސް އީވާ އަބްދުﷲ މަގާމުން ވަކިކުރުމަށް 50 މެމްބަރުންގެ ސޮޔާއެކު ރައްޔިތުންގެ މަޖިލީހަށް ހުށައަޅާފައިވަނީ މިދިޔަ މެއިމަހުގެ 23 ވަނަ ދުވަހުއެވެ