މެއި މަހު 185 ކައިވެނި, 132 ވަރި
މިދިޔަ މަހު ފެމިލީ ކޯޓުން 185 ކައިވެންޏެއް ކޮށްދީ 132 ވަރިކޮށްދީފައިވާ ކަމަށް އެ ކޯޓުގެ ތަފާސްހިސާބުން ދައްކައިފިއެވެ.
ފެމިލީ ކޯޓުން އެ ކޯޓުގެ މޭ މަހުގެ ތަފާސްހިސާބުތައް އާންމު ކޮށްފައިވާއިރު އެ ތަފާސްހިސާބުގައި ވާގޮތުން މިދިޔަ މަހު އެކޯޓުން ވަނީ 185 ކައިވެންޏެއް ކޮށްދީފައެެ.
ވަރީގެ މައްސަލަތަކަށް ބަލާއިރު މިދިޔަ މަހު ފެމިލީ ކޯޓަށް ހުށަހަޅާފައިވަނީ 168 މައްސަލައެކެވެ. އޭގެކުރިން މަހު ނުނިމި ހުރި މައްސަލަތުގެ ގޮތުގައި މޭ މަހަށް އައިސްފައިވަނީ 133 މައްސަލައެވެ. މީގެތެރެއިން 172 މައްސަލައެއް ނިންމާފައިވާއިރު އަދިވެސް ނުނިމި 129 މައްސަލައެއް ވާކަމަށް ތަފާސްހިސާބުން ހާމަވެއެވެ.
ކައިވެންޏާ ވަރީގެ އިތުރުން ކުދިންނާ ގުޅުންހުރި އެކި މައްސަލަތައްވެސް ފެމިލީކޯޓަށް ހުށަހެޅެއެވެ. އެ ކޯޓުގެ ތަފާސް ހިސާބުން ދައްކާގޮތުން މިދިޔަ މަހު އެ ކޯޓަށް ވަނީ ކުދިންނާ ގުޅުންހުރި 13 މައްސަލައެއް ހުށަހަޅާފައެވެ. އަދި އޭގެކުރިން މަހު ނުނިމި ހުރި މައްސަލަތަކުގެ ގޮތުގައި މޭ މަހަށް 32 މައްސަލައެއް އައިސްފައިވާއިރު މިދިޔަ މަހު ޖުމުލަ ނިންމާލެވިފައިވަނީ 17 މައްސަލައެކެވެ. އަދި ނުނިމި 28 މައްސަލައެއް އެބައޮތެވެ.
ކުޑަކުދިންނާ ގުޅޭ މައްސަލަތަކުގެ ތަފްސީލަށް ބަލާއިރު ކުދިންގެ ޤާނޫނީ ބެލެނިވެރިކަން ފޮސްޓަރކުރާ ފަރާތަށް ބަދަލުކުރުމުގެ މައްސަލައެއް ނުނިމި އެބައޮތެވެ. މިދިޔަ މަހުވަނީ ކުޑަކުދިންގެ ހައްޤުތައް ރައްކާތެރި ކުރުމުގެ އަމުރާ ގުޅޭ 8 މައްސަލައެއް ނިންމާފައެވެ. ނަސަބު ސާބިތު ކުރުމުގެ ދެ މައްސަލައެއް ނުނިމި އޮތްއިރު ދަރިން ނުދެއްކުމުގެ 1 މައްސަލަ ނިމިފައިވާއިރު 5 މައްސަލައެއް އޮތީ ނުނިމިއެވެ. މީގެއިތުރުން ހަޟާނަތުގެ 3 މައްސަލަ ނިމުނުއިރު 10 މައްސަލައެއް ނުނިމި އޮތެވެ. ކުއްޖާ އިޚްތިޔާރުކުރާ ފަރާތެއް ކަނޑައެޅުމުގެ 4 މައްސަލަ ނިމުނުއިރު 10 މައްސަލަ އޮތީ ނުނިމިއެވެ. އަދި ދަރިއަކު ބަލައިބޮޑުކުރުން އެހެން މީހަކާ ހަވާލު ކުރުމުގެ އެއް މައްސަލަ ވަނީ ނިންމާފައެވެ.