ރައީސް އޮފީހުގައި ތިބިގެން އިދިކޮޅުގެ ބޭފުޅުން ސިޓީއެއް ލިޔެ ހަވާލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހާއި ބައްދަލު ކުރުމަށް ރަސްމީ ޕްރޮޓްކޯލްގެ ތެރެއިން ސިޓީ ލިބިފައި ނުވާކަމަށް ބުނުމުން، ރައީސް އޮފީހުގައި ތިއްބަވައިގެން އިދިކޮޅު ކޯލިޝަންގެ ބޭފުޅުން ސިޓީ ލިޔެ ރައީސާއި ބައްދަލު ކުރުމަށް އެދިއްޖެއެވެ.
އިދިކޮޅުން ވިދާޅުވީ ރަސްމީ ޕްރޮޓޮކޯލްއިން ރައީސް ޞާލިޙަށް ސިޓީ ލިބިވަޑައިނުގަންނަވާ ކަމަށް ރައީސް އޮފީހުން ބުނެފައިވާތީ މިއަދު ރައީސް އޮފީހުގައި ތިބެގެން ސިޓީ ލިޔެ ހަވާލުކޮށްފައިވާ ކަމަށެވެ.
އެ ސިޓީގައި ބުނެފައިވަނީ ރައީސް ޞާލިހާ ބައްދަލުކުރަން 4 ދުވަހަކު ރައީސް އޮފީހަށް ދެވިފައިވާކަމަށެވެ. އަދި ރައީސާއި ބައްދަލުކުރަން ދަނީ ރައްޔިތުންގެ ބޮޑެތި ކަންބޮޑުވުންތަކެއް ހުރުމުން ކަމަށާއި، ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯދުމަށްޓަކައިވެސް ބައްދަލުކޮށް ރައީސް ޔާމީނަށް އިންސާފު ހޯދައިދޭންޖެހޭ ކަމަށް ސިޓީ ބުނެފައިވެއެވެ.
އިދިކޮޅުން ރައީސް ޞާލިހާ ބައްދަލުކުރައްވަން ދާ ކޮންމެ ދުވަހަކު އީމެއިލް އެޑްރެހެއް ދޭ ކަމަށް ވިދާޅުވެ އިދިކޮޅުން ދަނީ ފާޑުވިދާޅުވަމުންނެވެ. މިކަމާއި ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ވިދާޅުވީ އިދިކޮޅުން ވަޑައިގަންނަވަނީ ރައްޔިތުންގެ ޝަކުވާތަކަށް އަޑުއިއްވުމަށް ކަމަށެވެ.