ޑިމޮކްރެޓްސް ރެޖިސްޓްރީނުކޮށްދޭން އުޅެނީ މިވެރިކަން 30 އަހަރަށް ދަންމާލަން: އާޒިމް
މަޖިލީހުގެ 13 މެންބަރަކު އިސް ނަގައިގެން އުފެއްދުމަށް މަސައްކަތް ކުރަމުން އަންނަ ދަ ޑިމޮކްރެޓްސް ރެޖިސްޓްރީ ނުކޮށްދެން މަސައްކަތް ކުރަމުން އަންނަނީ ބިރުން ކަމަށާއި, ބޭނުމަކީ މި ސަރުކާރު 30 އަހަރަށް ދިގު ދަންމާލަން ކަމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވިދާޅުވެއްޖެއެވެ.
ޑިމޮކްރެޓްސް އުފެއްދުމުގެ ހުއްދަ ހޯދަން އެ ޕާޓީން ވަނީ އިއްޔެ އިލެކްޝަން ކޮމިޝަންގެ އިދާރާއަށް ގޮސްފައެވެ. ނަމަވެސް އިލެކްޝަނުން އެ ހުއްދަ ދީފައެއް ނުވެފައެވެ. އޭގެ ފަހުން ވަނީ ހަރުގެ ޖަލްސާއެއް ބާއްވާ, މަގުމައްޗަށް ނިކުމެ މުޒާހަރާ ވެސްކޮށްފައެވެ.
ހަރުގެ ޖަލްސާގައި ދެއްކެވި ވާހަކަފުޅު އާޒިމް ވިދާޅުވީ, މިއަދު ފެންނަމުންދާ މަންޒަރަކީ ވެރިކަން ލިބެން ނުޖެހޭ މީހަކަށް ވެރިކަން ލިބުމުން ދެން ވާނެ ގޮތް ކަމަށެވެ. އަދި ރައީސް ޞާލިޙަށް ވެރިކަން ހޯއްދަވައިދެއްވަން އުޅުއްވުމަކީ ހެދުނު "ޅަ އެއްޗެއް" ކަމަށް އާޒިމް ވިދާޅުވިއެވެ.
ޕާޓީ ރެޖިސްޓްރީ ކުރުމާއި ގުޅޭ ގޮތުން އާޒިމް ވިދާޅުވީ, ޕާޓީ ރެޖިސްޓްރީ ނުކޮށްދޭން އުޅެނީ މިވެރިކަން ދިގު ދަންމާލަން ރައީސް ޞާލިޙްގެ ހިތުގައި އޮތުމުން ކަމަށެވެ.
"އިތުރު ޕާޓީއެއް ރެޖިސްޓްރީ ވިޔަ ނުދޭން އެ އުޅެނީ މިވެރިކަން ދިގު ދަންމާލަން އަނެއްކާ ވެސް އަނެއް ތިރީސް އަހަރަށް. އަނެއްކާ ވެސް އަނެއް 30 އަހަރަށް ވެރިކަން ދިގު ދަންމާލައިގެން ރައްޔިތުން ހާލުގައި ޖައްސަން. އާދޭސް ކުރުވަން" އާޒިމް ވިދާޅުވީ. ޕާޓީ ރެޖިސްޓްރީކުރުން ލަސްކޮށްލެވިދާނެ ކަމަށާއި, ނަމަވެސް ވެރިކަމާ ދެން ހަވާލުވާނީ އެ ޕާޓީން ކަމަށެވެ.
"ކޮންކަމަކާ ބިރުންތޯ ރެޖިސްޓްރީ ކުރުމުގެ ފުރުސަތު ނުދޭން ތި އުޅެނީ. ލަސްކޮށްލެވިދާނެ މަހެއްހާ ދުވަހަށް. އެކަމަކު މި ޕާޓީ އުފެއްދޭނެ. އުފެދިގެން ނިކުމެ އިރާދަކުރެއްވިއްޔާ ވެރިކަން ވެސް ކުރާނީ އަޅުގަނޑުމެންގެ ސަރުކާރަކުން. އަޅުގަނޑުމެންގެ ބަހެއް ނެތް ސަރުކާރެއް ދެން އަންނާކަށް ނެތް"
އާޒިމް އިތުރަށް ވިދާޅުވީ މި ވެރިކަން ނިންމާލަން މަގުމައްޗަށް ނުކުތުމުން ޕެޕާ ސްޕްރޭ ވެސް ޖަހާނެ ކަމަށާއި ނަމަވެސް މި ވެރިކަން ނިންމާލާފައި ނޫނީ ދެން ހުއްޓާނުލާނެ ކަމަށެވެ.
"މިކަން ނިންމޭނީ ކުޑަކުޑަ އުދަނގުލަކާއެކީ, ޕެޕާ ސްޕްރޭކޮޅެއް ޖެހެން ޖެހޭނެ މޫނަށް. އަޅުގަނޑު މިހުރީ އެ ޖެހެން ތައްޔާރަށް. ތިބޭފުޅުން ޖެހެންތޯ ތި ތިބީ. ޖެހެން ތިބިއްޔާ އެބަ ޖެހޭ ނިކުންނަން" އާޒިމް ވިދާޅުވިއެވެ.