ސާރާ އާއި ކާރްތިކް ދެމީހުން އިންސްޓަގްރާމް އިން އަންފޮލޯކޮށްފި
ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު މިހާރު ވަކިވެފައިވާ ސާރާ އަލީ ޚާން އާއި ކާރްތިކް އާރްޔަން އިންސްޓަގްރާމް އިން ދެ މީހުން އަންފޮލޯ ކޮށްފިއެެވެ. އެކަކު އަނެކަކު އިންސްޓަގްރާމް އިން އަންފޮލޯކޮށްފައި މިވަނީ ދެ މީހުންގެ ލޯބީގެ ގުޅުން ކެނޑުނުތާ އަހަރެއް ވެފައި ވަނިކޮށެވެ.
ރިޕޯޓުތައް ބުނާ ގޮތުގައި މިއީ އެ ދެމެދުގައި އޮތް އެކުވެރިކަން ކެނޑުނު ކަމުގެ ހެއްކެކެވެ.
ސާރާ އާ ކާރްތިކް ލޯބީގެ ގޮތުން ގުޅިފައިވަނީ އެ ދެމީހުން އެކުގައި ފެނިގެން ދިޔަ "ލަވް އާޖް ކަލް 2" ގެ ޝޫޓިންގެ ތެރެއިންނެވެ. ދެތަރިން ރައްޓެހިވެގެން އުޅުނު ކަން ރަސްމީކޮށް ހާމަކޮށްފައި ނުވި ނަމަވެސް ދެ ތަރިން ވަކި ވެފައިވަނީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.
ލަވް އާޖް ކަލް އިން ބައްދަލުމުގެ ކުރިން ވެސް ކާރްތިކް އާ ވަރަށް ގަޔާވާ ކަމަށާއި އޭނާއާއެކު ޑޭޓަކަށް ދާން ބޭނުން ކަމަށް "ކޮފީ ވިތު ކަރަން"ގެ އެޕިސޯޑެއްގައި ސާރާ އޮތީ އިއުލާން ކޮށްފަ އެވެ. އޭގެ ފަހުން ކާރްތިކް މި ޝޯގައި ބައިވެރިވުމުން ޝޯގެ ހޯސްޓް ކަރަން ޖޯހަރް ވަނީ ކާރްތިކް އާ ވެސް މި ސުވާލު ކުރިމަތިކޮށްފަ އެވެ.
ކާރްތިކް އެ ފަހަރު ބުނީ ސާރާގެ ބައްޕަ ބޭނުން ވަނީ ފައިސާވެރިއަކާ އޭނާގެ ދަރިފުޅު ގުޅެން ކަމަށް ވާތީ އޭނާއަށް ސާރާ ގޮވައިގެން ބޭރަށް ދާން އެދެން ކެރޭނީ ވެސް އެވަރަށް ބޭންކަށް ފައިސާ ޖަމާވުމުން ކަމަށެވެ.
މި ޖޯޑަކީ ގިނަ ބަޔަކު ވަރަށް ލޯބި ކުރި ޖޯޑެކެވެ. ދެ ތަރިން ވަކި ވެފައިވަނީ ފިލްމުތަކުގެ ޝޫޓިންތަކުގައި ބުރަކޮށް އުޅޭއިރު ލޯބީގެ ގުޅުމެއް އެކަށީގެންވާ ގޮތުގައި ބޭއްވިދާނެ ކަމަށް ސާރާ އާއި ކާރްތިކް އަށް ގަބޫލުނުކުރެވޭތީ ކަމުގައި ރިޕޯޓުތައް ބުނެއެވެ.