ހުއްދަ ނުދިނަސް ކެމްޕޭން ފަށާނަން: ހަސަން ލަތީފް

ދަ ޑިމޮކްރެޓްސްގެ ނަމުގައި ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ނުދިނަސް ޕާޓީގެ ކެމްޕެއިންތައް ފަށާނެ ކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު، ހަސަން ލަތީފު ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހަސަން ވިދާޅުވީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަން ކަމަކީ ވެސް ގާނޫނު އަސާސީން ލިބިދީފައި އޮންނަ ހައްގުތަކެއް ކަމަށާއި އެގޮތުން ޑިމޮކްރެޓްސް އިން އެ ޕާޓީގެ ހަރުގެތައް ވެސް ހިންގައި ކެމްޕޭނުގެ ހުރިހާ މަސައްކަތެއް ވެސް ކުރަމުންދާނެ ކަމަށެވެ.
ހަސަން ވިދާޅުވީ މިއަހަރު ބާއްވާ ރިޔާސީ އިންތިހާބަށް ޑިމޮކްރެޓްސް އިން ކެންޑިޑޭޓަކު ނެރޭނެ ކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު އިސްވެ ހިންގަވާ "ފިކުރެއްގެ ދިރުން" ގައި ޙަރަކާތްތެރިވެވަޑައިގަންނަވާ މެންބަރުން އިސްވެ ތިއްބަވައިގެން "ދަ ޑިމޮކްރެޓްސް"ގެ ނަމުގައި އުފައްދަވަން މަސައްކަތް ކުރައްވާ ޕާޓީ އުފެއްދުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދެއްވީ މިދިޔަ މަހުގެ 24 ވަނަ ދުވަހުއެވެ.
ނަމަވެސް ދަ ޑިމޮކްރެޓްސް ޕާޓީ ރަޖިސްޓްރީ ކުރުމަށް މިވަގުތަށް ހުއްދަ ދޫ ނުކުރުމަށް ނިންމުމަށް އިލެކްޝަނުން ވަނީ ނިންމާފައެވެ. އިލެކްޝަނުން ހުއްދަ ނުދިނުމާއި، ގުޅިގެން ޑިމޮކްރެޓްސް އިސްބޭފުޅުން ގެންދަވަނީ ސަރުކާރަށް ބަހުގެ ހޫނު ހަމަލާތަކެއް ދެމުންނެވެ.