ޚަބަރު

ކްރިކް ރިޒާ ބަލިވެ އުޅޭތީ, މިއަދުވެސް ފުއްގިރި މައްސަލައިގެ އަޑުއެހުން ކެންސަލް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރ.ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން, މަގާމުގެ ނުފޫޒު ބޭނުންކޮށް, ރިޝްވަތު ނެގި މައްސަލައިގައި ކުރީގެ ރައީސް ޔާމީނާއި، ކްރިކް ރިޒާގެ އިތުރުން 2 ކުންފުންޏެއްގެ މައްޗަށް އުފުލާފައިވާ ދައުވާގެ މިއަދުގެ އަޑުއެހުން ކެންސަލްވެއްޖެއެވެ.

Ads by Sosun Fihaara

މި މައްސަލައިގައި އީދު ބަންދުގެ ކުރިންވެސް އަޑުއެހުންތަކެއް ތާވަލުކޮށްފައިވެއެވެ. އެ އަޑުއެހުންތައް ކެންސަލްވެފައިވަނީ ދައުވާލިބޭ ކްރިކް ރިޒާ ބަލިވެ އުޅޭކަމަށް ކޯޓަށް އެންގުމާއި ގުޅިގެންނެވެ.

މިއަދު ހެނދުނު 09:00 އަށްވެސް މި މައްސަލައިގެ އަޑުއެހުން ތާވަލުކުރިއެވެ. ނަމަވެސް މި އަޑުއެހުންވެސް ކުރިއަށް ގެންދެވިފައި ނުވަނީ ކްރިކް ރިޒާ ބަލިވެ އުޅޭތީކަމަށް ކޯޓުން މައުލޫމާތު ދެއެވެ. އެގޮތުން ކްރިކް ރިޒާ ބަލިވެ އުޅޭކަމުގެ ލިއެކިއުންތައް ކޯޓަށް ހުށައަޅާފައިވާކަމަށް ކްރިމިނަލް ކޯޓުން މައުލޫމާތުދެއެވެ. މި މައްސަލައިގައި މިހާރު ކުރިއަށްދަނީ ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމެވެ.

މި މައްސަލައިގައި އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ވަނީ ދިވެހި ފުލުހުންގެ ޚިދުމަތުގެ ޑިޖިޓަލް އެވިޑެންސް ލެބޯޓަރީގައި ޑިޖިޓަލް އެވިޑެންސް އެގްޒެމިނަރެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުން ގެންދަވާ ފަރާތެއްގެ ހެކިބަހާއި، މި މައްސަލައާ ގުޅިގެން ކިތާބީ ހެކީގެ ގޮތުގައި ހުށައަޅާފައިވާ ފިންގަރ ޕްރިންޓް އެނާލިސިސް ރިޕޯޓާއި ގުޅިގެން ޚަބީރެއްގެ ގޮތުގައި ހާޒިރު ކުރެއްވި ފަރާތުގެ ހެކިބަސް ނަގާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ އަލީ ނަދީމެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!