ސްވިޒަލޭންޑްގެ އަވަށަކަށް ސްނޯ ފައިބާހެން ފޭބީ ޗޮކްލެޓު

ސްވިޒަލޭންޑްގެ އަވަށަކަށް ވަރަށް އާދަޔާ ޚިލާފު ކަމެއް ދިމާވެއްޖެއެވެ. ސްނޯ ފައިބާހެން މިދިޔަ ހުކުރު ދުވަހު އެއަވަށަށް ފޭބީ ކޮކޯ ޕައުޑަރެވެ. މުޅި އަވަށް ވަނީ ޗޮކުލެޓު ތިކިތަކަކުން ފުރާލާފައެވެ.
ރިޕޯޓުތަކުން ބުނެފައިވާ ގޮތުގައި މިކަން ދިމާވީ އެއަވަށުގައި ހުންނަ ޗޮކްލެޓް ފެކްޓަރީގެ މެޝިނަކަށް ދިމާވި މައްސަލައަކާއި ގުޅިގެންނެވެ.
އޯލްޓަން ގައި ހުންނަ "ދަ ލިންގްޓް އެންޑް ސްޕްރޫންގްލީ" ފެކްޓަރީން ބުނެފައިވަނީ އެތަނުގައި ހުންނަ ވެންޓިލޭޓަރަކަށް ދިމާވި މައްސަލައަކާއި ގުޅިގެން، ފެކްޓަރީގެ ދުން ހޮޅިންނާއި ވައިބޭރުވާ އެހެނިހެން ހޮޅިތަކުން ކޮކޯ ޕައުޑަރު ފެކްޓަރީން ބޭރަށް ބުރައިގެން ގޮސްފައިވާ ކަމަށެވެ.އެގޮތުން ގޭގޭގެ ފުރާޅަށާއި، ކާރުތަކަށް ވެސް ވަނީ ޗޮކްލެޓު ކުލައިގެ ކޮކޯ ޕައުޑަރ ބުރައިގެން ގޮސްފައެވެ.
އެއަވަށުގެ ބޮޑު ބަޔަކަށް ކޮކޯ ޕައުޑަރުތައް ބުރައިގެން ދިޔައީ ވަޔާއި އެކު ކަމަށް އެފެކްޓަރީން ބުނެފައިވެއެވެ.
"އެއް ކާރު އެއްކޮށްހެން ވަނީ ޗޮކުލުޓު ޕައުޑަރުން ފުރިފަ. އަހަރުމެން ވާނީ އަހަރުމެންގެ ޚަރަދުގައި ކާރު ސާފު ކޮށްދޭނެ ކަމަށް ބުނެފަ" އެފެކްޓަރީން ބުނެފައިވެއެވެ.
ބުރައިގެންދިޔަ ކޮކޯ ޕައުޑަރުގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ނުވާނެ ކަމަށް ވެސް އެފެކްޓަރީން ބުނެފައިވެއެވެ.