ޚަބަރު

އިންތިޚާބު ބަލަން ރާއްޖެއިން ބޭރު ބައެއް ޤައުމުތަކަށް ދަޢުވަތު ނުދިނީ އެ ޤައުމުތަކުންވެސް ރާއްޖެއަށް ދަޢުވަތު ނުދޭތީ: އީސީ

އާއިޝަތު ޝައުނާ ، ދެން އޮންލައިން
އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤު -- ދެން އިމޭޖްސް/އިބްރާހީމް ޝަމްވީލް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ބަލަން ރާއްޖެއިން ބޭރު ބައެއް ޤައުމުތަކަށް ދަޢުވަތު ނުދިނީ އެ ޤައުމުތަކުންވެސް ރާއްޖެއަށް ދަޢުވަތު ނުދޭތީކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.

Ads by Hajj Corporation

ރިޔާސީ އިންތިހާބަށް ލަފާދޭ ގައުމީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި އީސީގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ބައެއް ޤައުމުތަކަށް ދަޢުވަތު ނުދިންކަމުގައިވިޔަސް، އިންތިޚާބު އޮބްޒާވްކުރުމަށް އެ ޤައުމުތަކުން އަމިއްލަ ޚަރަދުގައި އޮބްޒާވަރުން ފޮނުވޭނެކަމަށެވެ. ފުއާދު ވިދާޅުވީ އެ ފުރުސަތު އާންމުކޮށް ހުލުވާލާފައިވާ ކަމަށެވެ.

އިންތިޚާބު އޮބްޒާވްކުރުމަށް އެ ކޮމިޝަނުން 15 ޤައުމަކަށް ދަޢުވަތު ދީފައިވާއިރު އަވަށްޓެރި އިންޑިއާ އާއި ޕާކީސްތާނާއި ބަންގްލަދޭޝް ނުހިމެނެއެވެ. މިކަމާއި ގުޅިގެން ފުއާދު ވިދާޅުވީ އެއީ އެ ގައުމުތަކުގެ އިންތިހާބުތައް އޮވްޒާވްކުރަން ރާއްޖެއަށް ފުރުސަތު ދީފައިނުވާތީ ކަމަށެވެ.

"ބައެއް އަޅުގަނޑުމެންގެ އަވަށްޓެރި ގައުމުތައް އަޅުގަނޑުމެން ނުހިމަނާ ވޭ، މިސާލަކަށް އިންޑިއާ ޕާކިސްތާނު، ބަންގްލަދޭޝް ކަހަލަ ގައުމުތައް. އެއީ އެގައުމުތަކުން އަޅުގަނޑުމެންނަށް އެބޭފުޅުންގެ އިންތިހާބުތައް އޮބްޒާވްކުރުމަށް އާއްމުކޮށް ފުރުސަތު ދެއްވައި ނުހައްދަވާތީ،" ފުއާދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވްކުރަން އީސީން ދަޢުވަތު ދިން ޤައުމުތަކާ ގުޅޭ ގޮތުން މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެއްކެވީ، އެ ކަންބޮޑުވުން އިދިކޮޅު ބައެއް ފަރާތްތަކުން ފާޅުކުރާތީކަމަށް ފުޢާދު ވިދާޅުވިއެވެ. އެފަދައިން ކަންބޮޑުވުން ފާޅުކުރަމުން ޕީޕީއެމް އިން ވަނީ އީސީން ޤައުމުތަކަށް ދަޢުވަތު ދިނުމުގައި ބެލި މިންގަނޑުތަކާއި ސިޔާސަތުތައް ހާމަކުރަން ގޮވާލާފައެވެ.

ފުޢާދު ވިދާޅުވީ، އިންތިޚާބު އޮބްޒާވްކުރުމަށް ރާއްޖެއިން ދަޢުވަތު ދިން ޤައުމުތަކަކީ އެ ގައުމުތަކުގެ އިންތިޚާބު އޮބްޒާވްކުރަން ރާއްޖެއަށް ދަޢުވަތު ދޭ ޤައުމުތައް ކަމަށާއި އެ ޤައުމުތަކުގެ ތެރޭގައި ރާއްޖޭގެ ވެރިކަމުގެ ނިޒާމާ އެއްގޮތް ޤައުމުތަކަށް މުހިންމުކަން ދީފައިވާނެކަމަށެވެ.

ރިޔާސީ އިންތިޚާބު އޮބްޒާވްކުރުމަށް އީސީން ދަޢުވަތު ދިނީ ޖޯޖިއާ، ފިލިޕީންސް، އިންޑޮނޭޝިއާ، ތައިލެންޑް، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ކިރްގިސްތާން، ހޮންޑިއުރަސް، ސްރީ ލަންކާ، ބޮސްނިއާ އެންޑް ހާޒެގޯވިނާ، އޮސްޓްރޭލިއާ، އުރުދުން، ކެނެޑާ، ޖަޕާން އަދި ނޭފާލަށެވެ.

Ads by HDC
  1. ވަރަބިންދާލި ކޮތަރު

    އިންޑިޔާމީހުން ވޯޓްދީފާނެ އެގައުމުގެ މީހުންނަށް މިގައުން ގޯތިދޭތި . ފުޅިބަހާފެންބަހާމެޓާޗޮކްލެޓް ބަހާ ސަރަހައްދުގަ ކުޑަބަހާނަމަ އެއީވަރަށްބޮޑުމައްސަލައަކަށްވާނެ . އެފެންވަރަށް ކަންކުރާނަމަ ވަގުތުން ވަގުތައް ވޯޓްލުން ހުއްޓުވަން ޖެހޭނެ .