ޚަބަރު

ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްއިން ރައީީސް ޔާމީނަށް ތާއީދު ކުރަން، ޓޮމް ދަޢުވަތު އަރުވައިފި

ފަތޯނާ ފާއިޒު ، ދެން އޮންލައިން

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙު ނޫން ގޮތެއް، އެއްބުރުން ހޯދުމުގެ ފޯމިއުލާ އަކީ އަލަށް އުފެއްދި "ދަ ޑިމޮކްރެޓްސް"އިން، އިދިކޮޅު ލީޑަރު، އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް، ރައީީސް ޔާމީނަށް ތާއީދު ކުރުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ މެމްބަރު އަޙްމަދު ޠާރިޤް(ޓޮމް) ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ޓޮމް މިހެން ވިދާޅުވެފައި ވަނީ، މި އަހަރުގެ ސެޕްޓެމްބަރު މަހުގައި ބާއްވާ ރިޔާސީ އިންތިޚާބުގައި، ރައީީސް ޔާމީން ވާދަ ނުކުރެއްވުމަށް، ޑިމޮކްރެޓްސްގެ ބާނީ، ރައީސް މުޙައްމަދު ނަޝީދު ދެއްވި ލަފާފުޅާއި ގުޅިގެންނެވެ.

ޕީޕީއެމް-ޕީއެންސީން ސިޔާސީ މަޝްވަރާތައް ފަށައިފައިވާއިރު، މި މަޝްވަރާތަކުގައި ޓޮމް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީީސް ނަޝީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ޓޮމް މިއަދު ކުރައްވައިފައިވާ ޓްވީޓެއްގައި ވިދާޅުވީ އެއް ކެނޑިޑޭޓް ފޯމިލާ އެބައޮތް ކަމަށާއި އެއީ އެއްބުރުން ރައީސް ޞާލިޙު ނޫންގޮތެއް ހޯދުމުގެ ފޯމިއުލާ ކަމަށެވެ. އަދި އެއީ ޔަޤީންކަމާއެކު ވެރިކަން ބަދަލުކުރާނެ ގޮތް ކަމަށެވެ.

އެއީ އެންމެން އިއްތިފާޤުވާ ޚިދުމަތްތެރި ލީޑަރު، ރައީސް ޔާމިނަށް ޑިމޮކްރެޓްސް ތާއިދުކޮށް، ދިވެހީންގެ ރާއްޖެ، ދިވެހިންނަށް ހޯދުން ކަމަށް ވެސް ޓޮމް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ސިޔާސީ ޕާޓީ އުފެއްދުމަށް ރޭ ބޭއްވި ޖަލްސާގައި އެމަނިކުފާނު ވަނީ ރައްޔިތުން ބޭނުންވަނީ ރައީީސް ޞާލިޙުގެ ވެރިކަން ބަދަލުކުރުމަށްކަމަށާއި، އެކަން އެގޮތަށް ކުރުމަށް އެހެން ޕާޓީތަކުންނާއި އެމަނިކުފާނުވެސް ގޮތް ދޫކުރުން ބުއްދިވެރިކަމަށް ވިދާޅުވެފައެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވި ގޮތުގައި ރިޔާސީ އިންތިޚާބުތަކުގެ ޕޮލްތަކުން ދައްކާ ގޮތުގައި 55 ޕަސަންޓު ރައްޔިތުން ވޯޓު ލާނެ މީހެއް ނުނިންމައެވެ.

އަދި ކުރީގެ ރައީސް، ރައީސް ޔާމީން ޖަލުގައި އޮންނެވި ނަމަވެސް، އެ މަނިކުފާނަށް ތާއީދު ކުރާ 18 ޕަސެންޓު މީހުން ތިބިކަމަށްވެސް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ.

މި އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް، ރައީސް ޔާމީނަށް ޕީޕީއެމްގެ ރިޔާސީ ޓިކެޓު އަރުވައިފައިވާއިރު، އެމަނިކުފާނަށް ވަނީ 11 އަހަރުގެ ޖަލު ޙުކުމެއް އިއްވައިފައެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!